އެޓަރނީ ޖެނެރަލްގެ އޮފީހަކީ، ޤާނޫނުއަސާސީން މަތިކޮށްފައިވާ މުހިންމު ޤާނޫނީ ވާޖިބެއް އަދާކުރާ އޮފީހެކެވެ. އާންމު ގޮތެއްގައި ޢަމަލީ ގޮތުން ވަކިވަކި މަޝްރޫޢުތައް ހިންގައި، ސީދާ ގޮތުން ރައްޔިތުންނަށް ޚިދުމަތްދޭ އޮފީހެއް ކަމުގައި ނުވިނަމަވެސް، އެޓަރނީ ޖެނެރަލްގެ އޮފީހަކީ ސަރުކާރު ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ ހުރިހާ އިދާރާއަކަށް ސަޕޯޓް ސަރވިސް ދީ، އެ އިދާރާތަކަށް ލަފާދީ، އެ އިދާރާތައް ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ތަމްޞީލުކުރާ އިދާރާއެވެ.

ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) ގެ ދަށުން އެޓަރނީ ޖެނެރަލްގެ އޮފީހަށް މަތިކޮށްފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ މަދަނީ އަދި އިދާރީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތަކުގައި، ޝަރުޢީ ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި ދައުލަތް ތަމްޞީލުކުރުމެވެ. މިގޮތުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބެންވާ ގާތްގަނޑަކަށް 56.9 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޯދުމަށް ދައުލަތުގެ ފަރާތުން ޝަރުޢީ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކުގެ މައްޗަށް ދަޢުވާ ކުރާ، އަދި ދަޢުވާ ލިބޭ މައްސަލަތަކުގައި އެ އިދާރާތައް ތަމްސީލުކުރަންޖެހޭ ފަރާތަކީ ބަންޑާރަނައިބު ކަމުގައި ކަނޑައެޅިގެން ދިޔުމާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތް އިތުރުވެފައިވީނަމަވެސް، އެކަން ކުރުމުގައި ދިމާވި އިދާރީ ގޮންޖެހުންތައް ޙައްލުކޮށް، އެ މަސައްކަތްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ފުރިހަމައަށް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ. އަދި، ކަމާގުޅޭ ޤާނޫނުތައް ވުޖޫދަށް އައިސްފައި ނެތުމުގެ ސަބަބުން އުފެދޭ ޤާނޫނީ ހުސްކަން ފޫބެއްދުމަށްޓަކައި، މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި އަމަލުކުރެވޭ އުޞޫލުތައް، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއަށް ތަޢާރުފުކުރުމަށްޓަކައި ޝަރީޢަތުގައި ހިނގާ މައްސަލަތައް މެދުވެރިކޮށް މަސައްކަތްކޮށްފައިވެއެވެ.

އާންމު ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަންޑާރަ ނައިބަށް ލިބިދޭ ބާރުގެ ދަށުން “ހަވީރު” ނޫހުގެ މުވައްޒަފުންގެ ޙައްޤުތައް ހޯދައިދިނުމަށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގައި ދައުލަތް ތަމްސީލުކުރުމުގެ އިތުރުން، ރާއްޖެއިން ބޭރުގައިވެސް ބަންޑާރަނައިބު ދިވެހި ދައުލަތް ތަމްސީލުކުރައްވަމުންދެއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްމައްސަލައަކީ އިންޑިޔާގެ ޖީ.އެމް.އާރ އިން ދިވެހި ދައުލަތާ ދެކޮޅަށް ހުށައެޅި އާބިޓްރޭޝަންގެ މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން 1.1 ބިލިޔަން އެމެރިކާ ޑޮލަރު ދައުލަތަށް ސަލާމަތް ކުރެވިފައިވާކަމެވެ.

ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކުރާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރެއިން މުހިންމު ކަމެކެވެ. އެގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގައި އުފެދޭ ޤާނޫނީ ސުވާލުތަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކަށް ލަފާދިނުމާއި؛ ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބެލުމާއި؛ ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާއި އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން ހިމެނެއެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ މުހިންމު މަޝްރޫޢުތަކާ ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުން ޤާނޫނީ ލަފާ ދީފައިވާ ބައެއް މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، އެކި ރަށްރަށުގެ ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މުހިންމު މަސްޢޫލިއްޔަތުތަކެއް އަދާކުރެއެވެ. އެގޮތުން، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ބައިވެރިވުމާބެހޭ ގޮތުން ލަފާދިނުމަކީވެސް އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސްޢޫލިއްޔަތެކެވެ. މީގެ އިތުރުން، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ދިވެހިރާއްޖެ ހިމެނުމާއެކު، އެ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި ފޯރުކޮށްދިނުމާއި އަދި ތައްޔާރީތައް ވުމުގައި އެހީތެރިވެދީ، އެ ބައްދަލުވުންތަކުގައި ސަރުކާރު ތަމްސީލްކުރުމުގެ މުހިންމު ދައުރެއް އެޓަރނީ ޖެނެރަލްގެ އޮފީހުން އަދާކޮށްފައިވާނެއެވެ.

ރައްޔިތުންނާ ސީދާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރާ މައިގަނޑު އެއްމަސައްކަތަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އަލަށް ތަޢާރުފުކުރަންޖެހޭ ބިލުތަކާއި، ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން ޤާނޫނުއަސާސީއާ ތަޢާރުޟުވާ ނުވަތަ ޒަމާނާ ނުގުޅޭތީ އިޞްލާޙުކުރަންޖެހޭ، ނުވަތަ އުވާލަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، ކަމާގުޅޭ ބިލުތައް އެކުލަވާލައި ތަޢާރުފުކުރުމެވެ. އެގޮތުން، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު ބިލުތަކަށް ބަލާއިރު، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، އަމާން ވެއްޓެއް ޤާއިމުކުރުމަށްޓަކައި ތަޢާރުފުކުރެވުނު މުހިންމު ޤާނޫނުތަކުގެ ތެރޭގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނާއި، އެކްސްޓްރެޑިޝަން ޤާނޫނާއި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނާއި، ކުށްވެރިން ބަދަލުކުރުމުގެ ޤާނޫނު ފާހަގަކުރެވެއެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ކާވެނި ރޫޅޭ ޙާލަތުގައި ދެމަފިރިންގެ މުދާ ހަމަހަމަ އުޞޫލަކުން ބެހުމަށް މަގުފަހިކުރުމަށްޓަކައި ޢާއިލާއާބެހޭ ޤާނޫނު އިޞްލާޙުކޮށް، ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ތަޢާރުފުކުރެވުނެވެ. އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރޮށް، ވަޒީފާތައް އުފައްދައި، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނެއް ސަރުކާރުން ތަޢާރުފުކޮށްފައިވާނެއެވެ. އޭގެއިތުރުން، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަދައިދިނުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު އިޞްލާޙުކޮށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ވިއްކާ ގޯއްޗާއި ޢިމާރާތްތައް ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާކުރުމަށާއި، ފުރަތަމަ ފަހަރަށް އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިއްކާ ޙާލަތުގައި، އެ ޤާނޫނުގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތައް އިޞްލާހުކުރެވުނެވެ.

ހަމައެކާއެކު، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރިއިރު، އެ ދާއިރާއަށް މުހިންމު ޤާނޫނުތަކެއް އެކުލަވާލައި، ޢަމަލުކުރަން ފަށާފައިވެއެވެ. އޭގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނާ ނުގުޅޭ ބައެއް ޤާނޫނުތައް އުވާލައި، އިޞްލާޙުކޮށް، އަލަށް ތަޢާރުފުކުރަންޖެހޭ ބައެއް ޤާނޫނުތައް ތަޢާރުފުކޮށްފައިވާނެއެވެ. ޚާއްޞަ ގޮތެއްގައި، 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާ ގުޅިގެން، ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް، އޭގެ ތެރެއިން އިޞްލާޙުކުރަންޖެހޭ ޤާނޫނުތައް އިޞްލާޙުކޮށް، އުވާލަންޖެހޭ ޤާނޫނުތައް އުވާލުމުގެ މަސައްކަތް، އެޓަރނީ ޖެނެރަލްގެ އޮފީހުން ކޮށްފައިވާނެއެވެ.

ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ޤާނޫނީ ވަކީލަކު ހަމަޖައްސައިދިނުމަކީ ރައްޔިތުންނާ ސީދާ ގުޅޭގޮތުން މި އޮފީހުން ކުރާ މުހިންމު މަސައްކަތަކަށްވުމާއެކު، އެ މަސައްކަތްތައް ހަރުދަނާ އުޞޫލަކުން ގެންދެވޭނެ ގޮތްތައް ވަނީ ތައާރަފްކޮށްފައެވެ. އަދި ޤާނޫނީ އެހީތެރިކަން މިހާރަށް ވުރެ ފުޅާ ދާއިރާގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ޔޫ.އެން.ޑީ.ޕީ.އާ ގުޅިގެން، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލެއް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު މިހާރު ވަނީ އެކުލަވައިލާފައެވެ.

ސަރުކާރުގެ އިންސާނީ ޙައްޤުތަކާބެހޭ ސިޔާސަތު ވިލަރެސްކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ މެންޑޭޓަށް އިތުރުވުމާ ގުޅިގެން، ދިވެހިރާއްޖޭގައި ތައްޔާރުކުރެވޭ އެންމެ ފުރަތަމަ ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމްވަރކާއި އެކްޝަން ޕްލޭން ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކުގެ ދަށުން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވުމަށްޓަކައި ތައްޔާރުކުރި “ޔުނިވަރސަލް ޕީރިއަޑިކް ރިވިއު” އަދި “ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން” (ސީޑޯ)، ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ.) ގެ ދަށުން ޓްރީޓީ ރިޕޯޓިންގ މަސައްކަތުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ބައިވެރިވެ، އަދި “ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ” (ކެޓް) އަދި “ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޕަރސަންސް ވިތް ޑިސްއެބިލިޓީ” (ސީ.އާރް.ޕީ.ޑީ.) ގެ ދަށުން ޓްރީޓީ ރިޕޯޓިންގެ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިވެދިނުމާއި، ބައިނަލްއަޤްވާމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާނެއެވެ.

ޤާނޫނީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ޤާނޫނުތަކަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުވުމަށާއި، އާންމުން ހޭލުންތެރިކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީ އާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ވަނީ ވޭތުވެދިޔަ 3 އަހަރު ކޮށްފައެވެ. މީގެ ތެރޭގައި، މި ދާއިރާއާ ގުޅޭގޮތުން ތައްޔާރުކުރި ފުރަތަމަ ބޭސްލައިން ސަރވޭ ޝާއިޢުކުރުމާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އަހުލުވެރިކުރުމުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ހިންގުމުގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަހުލުވެރިކުރުވުމުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. އަދި 1998 ވަނަ އަހަރު އެކުލަވާލެވުނު ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި މި ދައުރުގެ ތެރޭގައި އިޞްލާޙުކޮށް އާންމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހާސިލްކޮށްފައިވާ ކާމިޔާބީތަކަކީ އެކަންކަމަށް އަމާޒުކޮށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2014-2018 އާއި، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2014-2018 ގެ ދަށުން ސަރުކާރުގެ މެނިފެސްޓޯ ހާސިލްކުރުމަށާއި، ޤާނޫނީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ ނަތީޖާއެވެ. އަދި އެ މިސްރާބަށް ދަތުރުކުރުމަށްޓަކައި އޮފީސް ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ތަނުގެ ހިންގުން ހަރުދަނާކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މި ދައުރުގައި ވަނީ ކޮށްފައެވެ.