ސްޓެލްކޯ އަކީ %100 ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ. 1997 ވަނަ އަހަރު މިކުންފުނި އުފައްދަވާފައިވަނީ ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ޒަމާނީ ވަޞީލަތްތައް ރާއްޖެއާ އެކަށީގެންވާނަމަ، އެފަދަ ގޮތްތައް ހޯދައިގެން ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

އެންމެ 14 ކިލޯވޮޓްގެ ޑީސަލް ޖަނަރޭޓަރަކާއެކު 1949 ވަނަ އަހަރު މާލޭގެ 50 ހަކަށް ގެއަށް ކަރަންޓް ދޫކުރުމަށް ފެށި މި ޚިދުމަތަށް 67 އަހަރު ފުރުނުއިރު، މިއަދު އަތޮޅުތަކާއި މާލޭގެ45,000.00  ކޮންޒިއުމަރުންނަށް ކަރަންޓްގެ ޚިދުމަތް ދެމުންދެއެވެ. މިގޮތުން، މާލެއަށް 70 މެގަވޮޓް ކަރަންޓް، އަދި ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި  އަތޮޅުތަކުގެ މީހުން ދިރިއުޅޭ 35 އާބާދީއަކަށް ޚިދުމަތް ދިނުމަށް 38 މެގަވޮޓް ކަރަންޓާއެކު ޖުމްލަ 108 މެގަވޮޓް ކަރަންޓް އުފެއްދޭނެ ގާބިލުކަން ސްޓެލްކޯއިން ވަނީ ޤާއިމް ކޮށްފައެވެ.

ތިމާވެއްޓާ ރައްޓެހި، އަގުހެޔޮ، އަދި ދެމެހެއްޓެނިވި ނިޒާމަކުން ކަރަންޓް އުފައްދައި ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތުގެ ދަށުން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް މިހާރު ގެންދަނީ ކުރަމުންނެވެ. މިގޮތުން، އަވިން ކަރަންޓް އުފައްދައި، ވިޔަފާރި އުސޫލުން ގަނެ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުރަތަމަ ފެށީ ސްޓެލްކޯއިންނެވެ. އަދި އެފަދަ ނިޒާމަކުން އުފައްދާ ކަރަންޓް ސްޓޭލްކޯގެ ގްރިޑަށް ގުޅޭނެ ނިޒާމް ހަމަޖައްސައި، އަވިން އުފައްދާ ކަރަންޓް އާންމުންނަށް މިހާރު ގެންދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން، މިހާރު އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދާ މިންވަރު 1.5 މެގަވޮޓަށް އަރައެވެ.

މީގެ އިތުރުން، އަވިން ހަކަތަ އުފައްދާ ފޯރުކޮށްދިނުމަށް ހިންގި މަޝްރޫޢު ނިންމަވައި، މިއަހަރު ޚިދުމަތްދޭން ފެށުމުން، ވ. ރަކީދޫއަށާއި، އދ. ދިއްދުއަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް ހިއްސާކުރަނީ އަވިން އުފައްދާ ހަކަތައެވެ. މި ދެ ރަށުގައިވެސް ދުވާލުގެ 7 ގަޑިއިރު ކަރަންޓް ދެނީ އަވިން އުފައްދާ ހަކަތައިންކަން ފާހަގަކުރެވެއެވެ. މިއާއެކު، ގުޅީފަޅަށާއި، ކ. ދިއްފުއްޓަށް އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދައި ފޯރުކޮށްދިނުމަށް 45 ކިލޯ ވޮޓްގެ ކަރަންޓް ޤާއިމްކޮށް މިހާރުވަނީ ޚިދުމަތް ދޭން ފަށާފައެވެ.

ދުރު މުސްޤުބަލަކަށް އަމާޒުކޮށްގެން އަލަށް އެކުލަވާލި ސިޔާސަތުގެ ދަށުން، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ތެރެއިން 20 ރަށެއްގެ އާބާދީއަކަށް ދުވާލަކަށް ބޭނުންވާ ކަރަންޓްގެ 30 އިންސައްތަ އިއާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް ހިންގާ މަޝްރޫޢެއްވަނީ ރާވާފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ދެއަހަރެއްގެ ތެރޭގައި ކުރެވޭނެއެވެ.

ދެމެހެއްޓެނިވި، އަދި ރައްޔިތުންގެ އިތުބާރު ޤާއިމްވެފައިވާ ވެއްޓެއްގައި ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް، ކަރަންޓް އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމް ވަރުގަދަ ކުރުމަށް މުހިންމު މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. ޚާއްޞަކޮށް ވޭތިވެދިޔަ 3 އަހަރު ތެރޭގައި އިތުރު ފަސް ރަށަކަށް ސްޓެލްކޯއިން ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވެއެވެ. މި ރަށްތަކަކީ، ވ. ފެލިދޫ، އދ. ހަންޏާމީދޫ، އދ. މަހިބަދޫ، އދ. މަންދޫ، އދ. ދަނގެތި، އއ. ރަސްދޫ އަދި އއ. ތޮއްޑޫ އެވެ.

އިތުރު ރަށްތަކަށާއި އިތުރުވަމުންދާ އާބާދީތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫޢުތަކާއި ޚިދުމަތްތައް ފުޅާކުރެވެމުންދިއުމާއެކު، ރަށްރަށުގެ ރައްވެހިކަމުގެ ތަރައްޤީގައި ސްޓެލްކޯގެ ހިއްސާ ބޮޑުވެއެވެ. ރަނގަޅު ފެންވަރުގެ އިންޖީނުގެތައް ބިނާކުރުމަށް މުހިންމު މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރަށްތަކުގެ އިންޖީނުގެތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އައު އިންޖީނުތައް ބެހެއްޓުމާއި، ޑިސްޓްރިބިއުޝަން ނެޓްވަރކް އަޕްގްރޭޑް ކުރުމާއި، ސިންކްރޮނައިޒިންގ ޕެނަލްތައް ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން 44 އައު އިންޖީނާއި 13 ސިންކްރޮނައިޒިންގ ޕެނަލް ބަހައްޓާފައިވެއެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށްވަނީ ނިންމަވާފައެވެ. މިގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން 3 ރަށެއްގައި ފެނުގެ ޚިދުމަތް ދޭން ފަށާފައިވެއެވެ. އެރަށްތަކަކީ އއ. އުކުޅަސް، އއ. ތޮއްޑޫ، އަދި އދ. މަހިބަދުއެވެ. މީގެ އިތުރުން ކ.ގުރައިދޫގައި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި ނެޓްވަރކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. ކައިރި މުސްތަޤްބަލެއްގައި ފެނުގެ ޚިދުމަތް މިރަށަށް ފޯރުކޮށްދެވޭނެއެވެ.

މި ސަރުކާރުގެ ސިޔާސަތާއެކު މި ސިނާޢަތުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ދަނީ އިތުރުވަމުންނެވެ. ވޭތިވެދިޔަ 3 އަހަރު ތެރޭގައި ފުޅާކުރެވުނު ޚިދުމަތްތަކާއި އަލަށް ފަށައިގެނެވުނު މަސައްކަތްތަކާއެކު، ސްޓެލްކޯއިންވަނީ 280 ވަޒީފާ އުފައްދައި، އާމްދަނީ ލިބޭނެ ޒިންމާދާރު މަސައްކަތެއްގެ ތެރެއަށް 280 ޒުވާނުން ވައްދާފައެވެ. އަދި މި މުވައްޒަފުން ހިމެނޭނެހެން މަސައްކަތަށް އަހުލުވެރިކުރުމަށާއި ތަޢުލީމާއި ތަމްރީނު ދިނުމަށް މި މުއްދަތުގެ ތެރޭގައި މުހިންމު ޙަރަކާތްތަކެއްވަނީ ހިންގާފައެވެ.

މާލެއާއި ހުޅުމާލޭގައި އިތުރުވަމުންދާ އަބާދީއަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ދާއިމީ ހައްލެއްވަނީ ބޭނުންވެފައެވެ. އެފަދަ މަސައްކަތަކީ ޚަރަދު ބޮޑު އަދި ބުރަ މަސައްކަތަކަށް ވީނަމަވެސް ވޭތިވެދިޔަ 3 އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން މިކަމަށްވަނީ އަލިމަގެއް ތަނަވަސްވެފައެވެ. މި މަސައްކަތަކީ ސްޓެލްކޯގެ ތާރީޚްގައި ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ. މިއީ މިފަދަ މަޝްރޫޢެއްގެ ގޮތުގައި ދިވެހި ރާއްޖޭގައިވެސް ހިންގާ އެންމެ ބިޔަ މަޝްރޫޢެވެ. ހުޅުމާލޭގައި ޤާއިމްކުރާ ޕަވަރ ސްޓޭޝަނަކާއެކު 50 މެގަވޮޓް ކަރަންޓް އުފެއްދުމަށް ހިންގާ މަޝްރޫޢެވެ. މިބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި ޤާއިމްކުރާ 50 މެގަވޮޓްގެ ޕަވަރ ޕްލާންޓާއެކު، 8.9 މެގަވޮޓްގެ 6 ޖަނަރޭޓަރ ސެޓް ބެހެއްޓޭނެއެވެ. އަދި މި މަޝްރޫޢާއެކު ތެޔޮ ރައްކާ ކުރުމަށްޓަކައި 800 މީޓަރ ކިއުބްގެ 4 ތާނގީ އަދި ފެން ރައްކާކުރުމަށްޓަކައި 300 މީޓަރ ކިއުބްގެ 2 ތާނގި ބެހެއްޓޭނެއެވެ.

މި މަޝްރޫޢުގެ އެންމެ ޚާއްޞަކަމަކީ މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ކަރަންޓު ވިއުގައިން ގުޅައިލުމެވެ. މިކަމަށްޓަކައި ބްރިޖް މެދުވެރިކޮށް 132 ކޭވީ ގެ 2 ކޭބަލް އެޅިގެންދާނެއެވެ. މީގެ އިތުރުން މާލެ، ހުޅުލެ އަދި ހުޅުމާލެ ފޭސް 1 އަދި 2 ގައި 132 ކޭވީ ގެ ގްރިޑް ސަބްސްޓޭޝަން ބެހެއްޓިގެންދާނެއެވެ.

މީގެ އިތުރުން، ވޭތިވެދިޔަ 3 އަހަރު ތެރޭ މި ސަރަޙައްދުގެ އާބާދީއަށް ބޭނުންވާ ކަރަންޓް އިތުރުކުރުމަށް ހިންގި މަޝްރޫޢުތަކުން 8 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ ނިޒާމްވަނީ މާލޭގައި ޤާއިމްކޮށްފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި 8 މެގަވޮޓްގެ ޖަނަރޭޓަރެއް ބެހެއްޓި، އޭގެ ޚިދުމަތް މާލޭގެ އާބާދީއަށް ލިބިގެންދާނެވެ. ހަމަ މިމުއްދަތުގައި ހުޅުމާލޭގައި 7.2 މެގަވޮޓް ކެޕޭސިޓީ އިތުރުކޮށް، ޑިސްޓްރިބިއުޝަން ނެޓްވަރކް ވަރުގަދަ ކުރެވިގެން ދިޔައެވެ.

މީގެ އިތުރުން، ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ތެރެއިން އޯގާތެރި، އަޅާލާ މުޖުތަމަޢެއް ބިނާ ކުރުމުގެ ތަސައްވަރު ހާސިލްކުރުމަށްޓަކައި، ޚާއްސަކޮށް ސްޓެލްކޯގެ ޚިދުމަތް ލިބިގަންނަ އާބާދީތަކަށް ގިނަގުނަ އެހީތެރިކަމެއް ނިމިގެންދިޔަ ކާމިޔާބު 3 އަހަރު ތެރޭގައިވަނީ ފޯރުކޮށްދީފައެވެ. މިގޮތުން، ސްޓެލްކޯގެ ޚިދުމަތާ ސީދާ ގުޅޭ ދާއިރާތަކުން ކޮމިއުނިޓީތަކާއި އެކިއެކި ހަރަކާތްތަކަށް ވެދެވޭ އެހީތެރިކަމާއި، މާލޭ ފަތާ ޓްރެކަށް މޫދަށް އެރިއުޅޭ ފަރާތްތަކަށްޓަކައި، ބޮޑުތަކުރުފާނު މަގު ސްޓެލްކޯ އިމުގައި ޤާއިމްކޮށްފައިވާ “ފެންމާ” ގެ ޚިދުމަތާއި، މާފަންނު މުއިވެޔޮމައިޒާން ސްޓެލްކޯއިން ތަރައްޤީކުރުން ފާހަގަ ކުރެވެއެވެ.