ހުޅުމާލޭގެ ޔޫތް ޕާކުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑު، ރަސްމީކޮށް ހުޅުއްވައިދެއްވަފިއެވެ.

ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫރޯ މާރކެޓިންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތް ޕާކަކީ، ކުޅިވަރުގެ ތަފާތު ގިނަ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. ޔޫތް ޕާކް ތަރައްޤީ ކުރުމަށް ޔޫރޯ މާރކެޓިންގއާ ހަވާލުކޮށްފައިވާނީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

ބާރަ މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރަމުންދާ ޔޫތް ޕާކުގައި، ސްކޭޓް ޕާކްއަކާއި، ފުޓްސަލް ދަނޑުތަކާއި މަލްޓި ޕާޕަސް ދަނޑުތަކުގެ އިތުރުން، ބިލިއާރޑް ފަދަ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް ޔޫރޯ މާކެޓިންއިން މަޢުލޫމާތު ދެއްވައެވެ.