ވ.ފެލިދޫއާއި އެއަތޮޅު ފުލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އެމްޑަބުލިޔުއެސްސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފާރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނސްޓަރ ޠާރިޤް އިބްރާހީމްއެވެ. އެމް.ޑަބުލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުއެވެ.

ސަރުކާރުގެ ފެން ކުންފުނި އެމް.ޑަބްލުޔު.އެސް.ސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ވ.ފުލިދޫއާއި އެއަތޮޅު ފެލިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ފެލިދޫގެ ފެނުގެ ނިޒާމް ޑިޒައިންކުރުމާއި، ފެލިދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުލިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވިކަމާއިކު ސަރުކާރުން ކުރިއަށް ގެންދަވާކަމަށެވެ.