ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހިފައިވާ ފައިސާގެ ތެރެއިން މަދަނީ ގޮތުން ހޯދަންޖެހިފައިވާ ފައިސާ ހޯދުމަށްޓަކައި މި ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު، އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ރާއްޖޭގެ ނޫސްވެރިންނާ ހިއްސާ ކުރައްވައިފިއެވެ. މިގޮތުން މިއީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް އިހުމާލުވުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެޓަރނީ ޖެނެރަލް މި މަޢުލޫމާތު ހިއްސާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެޓަރނީ ޖެނެރަލްގެ ވާހަކަފުޅުގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން މި މައްސަލަތައް ބަލަމުންދާ ކަމަށާއި، މިއާ ގުޅޭ ކަންތައްތަކަށް ފިޔަވަޅު އަޅައި، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށްޓަކައި މި ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ތަފްސީލަށް ބައްލަވައިލައްވަމުން،  ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އިދާރާތަކާ އެކު ހިންގާ އެކިއެކި މުއާމަލާތްތަކާ ގުޅިގެން، އެކިއެކި ކުންފުނިތަކުން ފައިސާ އަނބުރާ ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ބައެއް މައްސަލަތައް މިހާރުވެސް ކޯޓަށް ހުށަހަޅާފައިވާ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މިގޮތުން، ސަރުކާރަށް ލިބެންޖެހޭ ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ހޯދުމަށްޓަކައި މިހާރު ޝަރީއަތަށް ހުށަހަޅައި، އޭގެ ތެރެއިން 30 މިލިއަނެއްހާ ރުފިޔާ މިހާރު ދައުލަތަށް ލިބިފައިވާ ކަމުގައިވެސް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.

ފަހުގެ ތާރީޚުގައި ހިންގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ އެމް.އެމް.ޕީ.އާރް.ސީ. ގެ ޚިޔާނާތުގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ބެއްލެވުމަށްފަހު، އެ މައްސަލާގައި 79.37 މިލިއަން ޑޮލަރ ދައުލަތަށް ލިބެންޖެހޭކަމަށް ކަނޑައަޅުއްވާފައިވާކަން އެޓަރނީ ޖެނެރަލް ފާހަގަ ކުރެއްވިއެވެ. އަދި، މިފަދަ ކަންކަން ކުރިއަށް އޮތްތާނގައި ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާކަމުގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން، ރަށްތައް ދޫކުރުމުގައާއި އެކުއިޒިޝަން ކޮސްޓް ނެގުމުގައި ކުރިއަށް ގެންދަންޖެހޭ ފައިސާގެ ހުރިހާ މުއާމަލާތެއްވެސް މިހާރު މީރާ މެދުވެރިކޮށް ކުރިއަށް ގެންދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރު އަމަލު ކުރަމުންދާ އުސޫލުތައް ބަލައި އިސްލާހުކޮށް، އިތުރަށް އެފަދަ ކަމެއް ދިމާ ނުވާނެ ގޮތަކަށް ކަންތައްތައް ރޭވުމަށްޓަކައި ފައިނޭންޝަލް އޮޑިޓްގެ އިތުރަށް މިހާރު ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ކޮންޓްރެކްޓްތަކާ ބެހޭ ޚާއްޞަ އޮޑިޓެއް ކުރިއަށް ގެންދާ ކަމުގައިވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އެޓަރނީ ޖެނެރަލްގެ ވާހަކަފުޅުގައި، މީރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރު އެކަނި 1800 ފިޔަވަޅު އެކި ފަރާތްތަކާ ދޭތެރޭ އަޅާފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، 17 ކުންފުންޏެއްގެ އެކައުންޓް ހިފަހައްޓާފައިވާ ކަމަށާއި، މީގެ ތެރެއިން 14 ފަރާތަކުން އަދިވެސް ފައިސާ ދައްކާފައި ނުވާތީ އެ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި 14 މައްސަލަތަކުން ޖުމްލަ 4.5 ބިލިއަން ދިވެހި ރުފިޔާއާ ގާތްކުރާ އަދަދެއް ދައުލަތަށް ލިބެންޖެހޭ ކަމުގައިވެސް އެޓަރނީ ޖެނެރަލް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދައިދިނުން ކަމުގައި އެޓަރނީ ޖެނެރަލް ބަޔާން ކުރެއްވިއެވެ. އަދި، ޤާނޫނީ ގޮތުން މިހާރު ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހުން އިސްނަންގަވައިގެން “އިންސޯލްވެންސީ ލޯ” އަކާއި “ބޭންކްރަޕްސީ ލޯ” އެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވިއެވެ.