ބްރިޖްގެ ބައެއް ތަނބުގެ މަސައްކަތް ނިމި އައި-ބީމް ހަރުކުރުމުގެ މަސައްކަތް ވަނީ މިއަދު (06 ޖުލައި 2017 ވަނަ ދުވަހު) ފެށިފައެވެ. އައި-ބީމްތައް ޕްރީ-ކާސްޓް ކުރަމުންދަނީ މާލޭގައި ބްރިޖް މަސައްކަތް ކުރިއަށްގެންދާ ވަގުތީ ސައިޓްގެ ތެރޭގައެވެ. މިގޮތުން އެބަޓްމަންޓް #0 އާއި ޕިއާ #1 އާއި ދެމެދު އަޅާ އައި-ބީމްތަކުގެ ތެރެއިން ފުރަތަމަ ބީމް ވަނީ މިއަދު ހެނދުނު ހަރުކޮށް ނިމިފައެވެ. އެޕްރޯޗް ބްރިޖްގެ ކޮންމެ ދެ ތަނބެއްގެ ދޭތެރޭގައި މިފަދަަ 10 ބީމް ހަރުކުރެވޭނެއެވެ.

މިހާތަނަށް އައިއިރު މާލެ ފަޅިގައި ހަދާ އެބަޓްމަންޓް #0 ގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މާލެ ފަޅިން އެޕްރޯޗް ބްރިޖްގެ 6 ތަނބެއްގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި މާލެ ފަޅީގައި ޖަހާ ޕައިލްތަކުގެ ތެރެއިން 01 ޕައިލް ފިޔަވާ އެހެން ހުރިހާ ޕައިލްއެއްގެ މަސައްކަތް ވަނީ ނިމިފައެވެ. ޕައިލް މަސައްކަތުގެތެރެއިން މިހާރު ނުނިމި ވަނީ ހުޅުލެ ފަޅީގެ އެޕްރޯޗް ބްރިޖްގައި ޖަހާ 13 ޕައިލްގެ މަސައްކަތެވެ. އެޕްރޯޗް ބްރިޖްގެ 10 ޕައިލްކެޕްގެ ތެރެއިން 03 ޕައިލް ކެޕް ކޮންކްރީޓް ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެޕްރޯޗް ބްރިޖަށް ބޭނުންވާ 210 އައި-ބީމްގެ ތެރެއިން 07 ބީމް ޕްރީ-ކާސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މެއިން ބްރިޖްގައި ޖަހާ 05 ތަނބުގެ ތެރެއިން 03 ތަނބެއްގެ ޕައިލްކެޕް މަސައްކަތް މުޅިން ނިމިފައިވާއިރު، އަނެއް 02 ތަނބުގެ ޕައިލް ކެޕް މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.އަދި ހުޅުލެ ފަޅީގެ ބްރިޖް ލޭންޑިންގ ސަރަޙައްދުގެ އެމްބޭންކްމަންޓް ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ.