ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑޓެޑް( އެން.އައި.އައި) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ހަވާލުކުރުމުގެ ލިއުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފައިޝަލް ޚާން އާއި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޘިމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ސިއްޙީ ނިޒާމް އޮތީ ފާލުން ނެއްޓި، މިސްރާބު ކަށިޔާރުވެ،ބަލިޙާލަތަކަށް ވެއްޓިފައި ކަމަށެވެ.

“އެމަނިކުފާނު ޙަވާލުވެ ލެއްވިއިރު، މިރާއްޖޭގެ ޞިއްޙީނިޒާމު ވަނީ ފާލުން ނެއްޓި މިޞްރާބު ކަޝިޔާރުވެ ބަލިޙާލަތަކަށް ވެއްޓިފަ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް.އެޗް ވަނީ ވަރަށް ބޮޑަށް ޙާލުދެރަވެފަ. އަތޮޅުތެރޭގެ ޚިދުމަތްތައް ފުޅާނުކުރެވުނު އިރު ޢިމާރާތްތައްވެސް ވަނީ ބާވެ ވީރާނާ ވާން ފަށައިފަ.”މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު އެހާލަތު ބަދަލުކޮށް،ފެންވަރު ރަނގަޅު ސިއްޙީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗް ހޮސްޕިޓަލުން ދެމުންއަންނަ ޚިދުމަތް އެތައް ގުނައަކަށް ފުޅާކުރެވިފައިވާއިރު، އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެތެރޭގައި އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ތަޢާރަފްކޮށް، ތައިރޮއިޑް ފަންކްޝަން ޓެސްޓްގެ ޚިދުމަތާއި، އުރަމަތީގެ ކެންސަރ ޓެސްޓް ކުރުމަށް ހަދާ ޓެސްޓް ކަމުގައިވާ މެމޯގްރަފީގެ ޚިދުމަތުގެ އިތުރުން ޑަޔަލިސިސްގެ ޚިދުމަތް އަތޮޅުތެރޭގެ 6 ހޮސްޕިޓަލަކުން ދެމުންދާ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“މިއަދު މިވަނީ އެ ޙަޤީޤަތް ބަދަލުވެފަ. އައި.ޖީ.އެމް.އެޗްގައި އެމް އާރު އައި ޚިދުމަތް ދިނުމުގެ އިތުރުން ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ކެތްލެބް ވެސް މިވަނީ ޤާއިމްކުރެވިފަ.” މިނިސްޓަރ ވިދާޅުވިއެވެ.

މިއާއިއެކު، ކުޅުއްދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް އެންއައިއައި އާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް އަންނާނޭ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް ޒަމާނީ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްދިނުމަށް އެން.އައި.އައި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުރަތަމަ 30 ދުވަހުގެ ތެރޭގައި އާންމު ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޚިދުމަތް އެ ހޮސްޕިޓަލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

އަދި ނާރުގެ ސާޖަރީ އާއި ފުއްޕާމޭގެ ސާޖަރީގެ ހިދުމަތްތަކާއި، ސީޓީ ސްކޭން ކުރުމާއި، އެމްއާރުއައިގެ ހިދުމަތުގެ އިތުރުން ނިއުރޮލޮޖީ، ކާޑިއޮލޮޖީ، ގޭސްޓްރޯވް އަދި ޔޫރޮލޮޖީ ސުޕަރ ސްޕެޝިލިޓީގެ ޑޮކްޓަރުންގެ ހިދުމަތް ތައާރަފް ކުރުމުގެ އިތުރުން އެ ހޮސްޕިޓަލްގައި މިހާރު ހުރި 50 އެނދު 150 އެނދަށް ބަދަލުކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.