މިއަހަރުގެ “ޤައުމީ 3R ދުވަސް” ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ސްކޫލްކުދިންނަށް އަމާޒުކޮށްގެން “ސާފުރާއްޖެ ސްކޫލް 3R ކޮމްޕެޓިޝަން ” ނަމުގައި ވަނީ މުބާރާތެއް ހުޅުވާލާފައެވެ. މިމުބާރާތުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ މެދުގައި ރިޑިއުސް، ރިޔޫސް އަދި ރިސައިކަލް (3R) ކުރުމުގެ ޝައުގުވެރިކަން އުފެއްދުމެވެ. އަދި މީގެ އިތުރުން ކުނި މަދުކުރުމުގައާއި އާއްމު ތަންތަން ސާފުކޮށްބޭއްވުމުގައި ފަރުދީ ޒިންމާ ނެގުން، ރިޑިއުސް، ރިޔޫސް އަދި ރިސައިކަލް (3R) ކުރުމުގެ އާދަކާދަ އާއްމު ދިރިއުޅުމުގައި އަށަގެނެވުން، ރަގަޅުގޮތުގައި ކުނި މެނޭޖުނުކުރުމުގެ ސަބަބުން ސިއްޙަތަށް ދިމާވާ ނޭދެވޭ އަސަރުތަކަށް ހޭލުންތެރިކުރުވުން އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ހުރި މަންފާތައް ދެނެގަތުމެވެ.

މިމުބާރާތަކީ އެހެންމުބާރާތްތަކާއި ތަފާތުކޮށް ކުރިއަށްދާމުބާރާތެކެވެ. އެންމެ ފުރަތަމަކަމަކަށް، މިމުބާރާތުގެ ސަބަބުން އުފެދޭކުނި މަދުވެގެންދާންވާނެއެވެ. އަދި މިއީ މިމުބާރާތުގެ ޖަޖުކުރާ މިންގަނޑުތަކުގައި ހިމެނޭވެސްކަމެކެވެ. މީގެ އިތުރުން ޖަޖުކުރާ މިންގަނޑުތަކުގައި އުފެއްދުންތެރިކަން (އިނޮވޭޝަން)، ކްރިއޭޓިވިޓީ، ޔޫސަބަލިޓީ އަދި މަސައްކަތުގެ ފެންވަރަށްވެސް ބަލާނެއެވެ. މިމުބާރާތަކީ މުޅި ރާއްޖޭގެ ސްކޫލުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތަކަށްވެފައި، ކުދިން ތައްޔާރުކުރާ ތަކެތި މިމިނިސްޓްރީއަށް ގެނައުމަކީ ދަތިކަމަކަށް ވެދާނެތީ، މިމުބާރާތަށް ތަކެތި ހުށަހެޅުން ކުރިއަށްދާނީ އިލެކްޓްރޯނިކް މީޑިއާގެ ޒަރިއްޔާއިންނެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ސްކޫލްތަކުން އެންމެ ފުރަތަމަ ކަމަކަށް މުބާރާތުގައި ރަޖިސްޓަރވުން ވަރަށް މުހިންމެވެ. މިގޮތުން ތިރީގައި މިވަނީ ސަމާލުވާނެޖެހޭ ސުންގަނޑިތަކެވެ.

  1. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ސްކޫލްތަކުން ރެޖިސްޓްރީކުރުން: މިހާރު މުއްދަތުހަމާ ތާރީހަކީ 18ޖުލައި 2017ވާ އަންގާރަ ދުވަހުގެ 14:00އަށް. މިކަމާ ގުޅޭ ފޯމް މުބާރާތުގެ ގައިޑަންސް ނޯޓް ޖަދުވަޅު 2 ގައި ހިމެނޭނެއެވެ. http://www.environment.gov.mv/v2/en/download/5392
  2. މަސައްކަތްކުރިއަށްދާ ގޮތުގެ ތަސްވީރުތައް ސެއަރކުރުން: މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://www.environment.gov.mv/v2/en/download/5392
  3. ފައިނަލް ސަބްމިޝަން: މުއްދަތުހަމާ ތާރީހަކީ 8 އޯގަސްޓް 2017ވާ އަންގާރަ ދުވަހުގެ 22:00އަށް. މިކަމާ ގުޅޭ ފޯމް މުބާރާތުގެ ގައިޑަންސް ނޯޓް ޖަދުވަޅު 3 ގައި ހިމެނޭނެއެވެ. http://www.environment.gov.mv/v2/en/download/5392

މިމުބާރާތުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://www.environment.gov.mv/v2/en/download/5392 ލިންކަށް ވަޑައިގެން މައުލޫމާތު ކަރުދާސް ޑައުންލޯޑް ކުރެވުން އެދެމެވެ.