އެއްވެސް ކުއްޖަކު ބާކީ ނުވާ ގޮތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންކޮށް، ކުދިންގެ ކުރިމަގަށް ބޭނުންހިފޭ، ފެންވަރު ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވޭ ގޮތަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު 21 ވަނަ ޤަރުނާއި ފައިހަމަ ކުރެވޭފަދަ ހަލުއި ދުވެއްޔެއްގައި ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އަދުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރެއިން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުވެ ފުރިހަމަވެގެންދާއިރު އެނިޒާމުގެ ތެރޭގައި ޒަމާނީ، ޚަރަދުކުޑަ ރާއްޖެފަދަ ޖަޒީރާ ގައުމަކާއި ގުޅޭ ވަސީލަތްތައް ބޭނުން ކުރައްވައިގެން މި ނިޒާމު ފައްކާކޮށް، އެކަށީގެންވާ ގޮތެއްގައި ތަރައްގީ ހާސިލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން ވާރޗުއަލް ސްކޫލު ގާއިމުކޮށްގެން އުނގަންނައިދިނުމަކީ ދާދި އަވަހަށް ހާސިލު ކުރެވި، ފެނިގެންދާނެ އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ބޮޑެތި ކުރިއެރުންތަކަކާއި ބަދަލުތަކެއް ފެނިގެންދާނެ މަޝްރޫޢެކެވެ.

ރާއްޖޭގެ އާބާދީ ބެހިފައިވާގޮތުން ހަމަހަމަކަމާއެކު ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު، ނަތީޖާ ނެރެވޭ ތަޢުލީމީ ނިޒާމެއް ހިންގުމަކީ ޚަރަދުބޮޑު އަދި ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަކަށްވާއިރު ވާރޗުއަލްކޮށް ކިޔަވައިދިނުމަކީ މިކަމަށް ލިބިގެންދާނެ ވަރަށް ރަނގަޅު، ހަމައެހާމެ ފުރިހަމަ ހައްލެއް ކަމުގައި ވެގެންދާނެއެވެ. ކުދި އަބާދީތައް ހިމެނޭ ރަށްތަކުގައި ގާއިމު ކުރެވިފައިވާ ސްކޫލު ތަކުގެ ތެރެއިން ނިސްބަތުން ކިޔަވާކުދިން މަދު ސްކޫލް ތަކުގައި ހުރިހާ ގްރޭޑެއްގެ ކްލާސްތަކަށް ޓީޗަރުން ހަމަކޮށް، މަދު ކުދިންނަށް، ކިޔަވައިދިނުމަކީ އިޤްތިޞާދީގޮތުން ދެކޮޅުނުޖެހޭ، ޚަރަދުބޮޑު، އަދި ހާސިލުކުރެވޭ ނަތީޖާވެސް މާ ރަނގަޅުނޫން ބުރަ މަސައްކަތެކެވެ. އިންސާނީ ވަސީލަތް ފުރިހަމަގޮތުގައި ބޭނުން ނުކުރެވި، ބޭކާރު ޚަރަދުތައް އިތުރުވެގެންދާ ވެސް ކަމެކެވެ.

ވާރޗުއަލްކޮށް ކިޔަވައިދިނުމަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އިންޓަރނެޓް މެދުވެރިކޮށް ޒަމާނީ ވަސީލަތްތަކާއެކު ކުދިންނަށް ކިޔަވައިދިނުމެވެ. ވާރޗުއަލްކޮށް ކިޔަވައިދިނުމުން ދަރިވަރުންގެ އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާކުރުވަނިވި ތަޢުލީމެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ރައްޔިތުންގެ ފިކުރާއި ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިޢާޔަތްކޮށް، ސްކޫލްތަކުގައި ވާރޗުއަލްކޮށް ކިޔަވައިދިނުން ތަޢާރަފު ކުރުމަކީ މުހިންމު ކަމެކެވެ. އަދި މިމަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް، އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީގެ މުހިއްމުކަން ރައްޔިތުންނަށް ވިސްނައިދީ، ސްކޫލުތަކުގެ ކްލާސްރޫމްތަކުގައި، އެފަދަ އާލާތްތައް ގާއިމުކޮށް އުނގެނުމާއި އުނގަންނައި ދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުން ކުރަންފެށުމަކީ ގިނަބައެއްގެ ތަރުހީބު ލިބި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަމާޒު ހިފާފައިވަނީ ވާރޗުއަލްކޮށް ކިޔަވައިދިނުމުގެ އަޖުމަ ބެލުމުގެ ފިލާވަޅުތަކެއް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން 50 ދަރިވަރުންނަށްވުރެ އާބާދީ މަދު 9 ސްކޫލެއް ކަނޑައަޅައި މި ސްކޫލުތަކަށް ވާރޗުއަލްކޮށް ކިޔަވައި ދިނުމަށް ހަމަޖައްސާފައިވަނީ މާލޭގެ އިސްކަންދަރު ސްކޫލުގައެވެ. މިމަސައްކަތް ފެށުމަށްޓަކާ އެ ސްކޫލުގެ ޓީޗަރުންނަށާއި މުއައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ދިނުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ކަމާބެހޭ ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގައި ވާރޗުއަލްކޮށް އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދާނެ ގޮތުގެ މޮޑެލްއެއް އެކުލަވާލައިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މި ޕްރޮޖެކްޓަށް ބޭނުންވާ ވީޑިއޯ/ އޯޑިއޯ ކޮންފަރެންސިންގ އާލާތްތައް ހޯދުމުގެ މަސައްކަތް ވޯލްޑްބޭންކްގެ އެހީތެރިކަމާއެކު މިހާރު ކުރިއަށް އެބަދެއެވެ. އަދި ވާރޗުއަލްކޮށް އުނގެނުމުގައި ބޭނުން ކުރާނީ “ގޯގްލް ކްލާސްރޫމް” ޕްލެޓްފޯމް ކަމުގައި މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާކުރާ ވާރޗުއަލް ސްކޫލް ޕްރޮޖެކްޓްގައި ފުރަތަމަ ކިޔަވައިދޭން ފަށާ ސްކޫލް ތަކުގެ ތެރޭގައި ހިމެނެނީ ހއ. ތަކަންދޫ ޝަހީދު ޢަލި ތަކުރުފާން ސްކޫލާއި ހއ. މޮޅަދޫ ސްކޫލާއި ނ. ފޮއްދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި އދ. މަންދޫ ސްކޫލާއި އދ. ދިއްދޫ ސްކޫލާއި މ. ރަތްމަންދޫ ސްކޫލާއި މ. ވޭވަށު ސްކޫލާއި ގއ. ކޮނޑޭ ސްކޫލެވެ.

މިހާތަނަށް ރާއްޖެ ނުދެކޭފަދަ ބޮޑެތި ކާމިޔާބީތަކަކާއި މޮޅު ނަތީޖާތަކެއް ރާއްޖޭގެ ދަރިވަރުން މިއަދު ހޯދަމުންދާއިރު މިފަދަ ނިޒާމެއް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ގާއިމު ކުރެވި ކިޔަވައިދޭން ފެށުމަކީ ރާއްޖޭގެ ދަރިވަރުންގެ ތަޢުލީމީ ފެންވަރު އިތުރަށް ކުރިއަރާގޮސް ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރު އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމެކެވެ.