ރާއްޖޭގައި ދިމާވާ އިމަރޖެންސީ ޙާލާތްތަކުގައި ބޭނުންކުރުމަށްޓަކައި އިންޓެރަޖެންސީ އިމަރޖެންސީ ހެލްތު ކިޓުތަކެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހި ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ ނާޠިމް އިބްރާހިމްއާއި މި ތަކެތި ޙަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރްއެވެ.

ރާއްޖޭގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކި ގޮތްގޮތުން ދަނީ އެހީތެރިކަންފޯރުކޮށްދެމުންނެވެ.

އެގޮތުން މިފަހަރު ހަދިޔާ ކުރެއްވީ 53,259.90 (ފަންސާސް ތިންހާސް ދުއިސައްތަފަންސާސް ނުވަ ޑޮލަރު ނުވަދިހަ ސެންޓް).އެއީ ދިވެހި ރުފިޔާއިން ބަލާނަމަ،821,253.78 (އަށް ލައްކަ އެކާވީސްހާސް ދުއިސައްތަ ފަންސާސްތިން ރުފިޔާ ހަތްދިހައަށްލާރި)ގެ އަގުހުރި ތަކެއްޗެވެ.

މިފަހަރު ހަދިޔާ ކުރެއްވި ތަކެއްޗަކީ އިމަރޖެންސީތަކުގައި ބޭނުންކުރާ ބޭސް،ޑިވައިސަސް އަދި އިކުއިޕްމަންޓް ފަދަ ތަކެއްޗެވެ. މި ކިޓުތަކުގެ ތެރޭގައި އިމަރޖެނސީގައި ކުރަންޖެހޭ ކުދި އޮޕަރޭޝަންތަށް ކުރުމަށް ބޭނުންވާ ބައެއް ސާމާނުވެސް އެކުލެވިގެންވެއެވެ.

މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް އަތޮޅު ހޮސްޕިޓަލްތަކުގައެވެ.

މިއެހީގައި ލިބިފައިވާ ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޞިއްޙީ ހިދުމަތްދޭ ތަންތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީއިން ދަނީ މިހާރު ކުރައްވަމުންނެވެ