ލ. ފޮނަދޫގެ މަގުތަކުގައި ސެޕްޓެމްބަރ މަހު ފަހުކޮޅު ތާރު އަޅަން ފަށާނެއެވެ. މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މަގުތަކުގެ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކެވެ.
އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގައި ތެރޭގައި މަގު ލެވެލްކުރުމުގެ މަސައްކަތާއި،ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ. އެހެންނަމަވެސް މިވަގުތު ލ. ފޮނަދުއަށް ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ވަނީ މެދުކެނޑިފައެވެ. ޒަމާނި ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ މިމަގުތަކުގައި 4.7ކިލޯމީޓަރުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. ލ. ފޮނަދޫގެ އެތެރޭގެ ނުވަ މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދަކުރައްވައިގެން ކުރިއަށްދާ މިމަޝްރޫޢުއަށް47،213،032.71  ރުފިޔާ ޚަރަދުވާނެއެވެ. މިމަޝްރޫޢު މަސައްކަތް 30 ނޮވެމްބަރ 2017 ގައި ނިންމަން ޖެހެއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލ. ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ޙަވާކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. އަދި މިމަސައްކަތް ކުރަމުންދަނީ އެމްއާރްޑީސީގެ މުވައްޒަފުންނެވެ.