ރ. މީދޫ މަގު ހެދުމުގެ މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތްތަކެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބަނދަރު މަގާއި، ބޮޑު މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ.

ބަނދަރު މަގުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޮޑު މަގުގެ 70 އިއްސައްތަ މަސައްކަތް ވަނީ ނިމިފައެވެ.ޒަމާނި ފެންވަރަށް ހެދުމަށް ހަމަޖެހިފައިވާ މިމަގުތަކުގައި 3 ކިލޯމީޓަރުގައި ގާ އެތުރުމަށް ވަނީ ހަމަޖެހިފައެވެ. މީދޫގެ 8 މަގެއް ޒަމާނީ ފެންވަރަށް ހަދާނެއެވެ. ސަރުކާރުގެ ބަޖެޓުން ޚަރަދަކުރައްވައިގެން ކުރިއަށްދާ މިމަޝްރޫޢުއަށް 30،616،328.46 ރުފިޔާ ޚަރަދުވާނެއެވެ.މިމަޝްރޫޢު މަސައްކަތް 20ނޮވެމްބަރ 2017 ގައި ނިންމަން ޖެހެއެވެ.މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ރ. މީދޫ މަގުހެދުމުގެ މަސައްކަތް ޙަވާކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ.