ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތައް އެއްކުޑައެއްގެ ދަށަށް ގެނެސް މިއަހަރު އަލަށް ފެށި “އަމާންވެށި” ކެމްޕެއިންގެ ދަށުން ކުރިއށް ގެންދާ ދެވަނަ ޕްރޮގްރާމްތައް ވ. ކެޔޮދޫގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ވ. ކެޔޮދޫ ސްކޫލުގައި ފެށި މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ވަކިވަކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ޕްރައިމަރީ ގްރޭޑްތައް ކަމަށްވާ ގްރޭޑް 1،2،3 ގެ ދަރިވަރުންނަށް ޙާއްޞަ ކޮށްގެން “ފުރަތަމަ ފިޔަވަޅު” ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި 62 ދަރިވަރުން ބައިވެރިވެއެވެ. އަދި ގްރޭޑް 4،5،6 ގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން “ކުރިމަގު” ގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 47 ދަރިވަރުން ބައިވެރިވާއިރު ސާނަވީ މަރުހަލާއަށް ޚާއްސަ ކޮށްގެން “ފުރާވަރު” މިނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 59 ދަރިވަރުން ބައިވެރިވެއެވެ. ފުރާވަރު މި ޕްރޮގްރާމުގައި ކެޔޮދޫ ސްކޫލުގެ 7،8،9 އަދި 10 ގައި ތަޢުލީމު ޙާސިލްކުރާ ދަރިވަރުންގެ އިތުރުން ވ. ފެލިދޫ ސްކޫލޫގެ ގްރޭޑް 7،8،9 އަދި 10 ގެ ދަރިވަރުން ބައިވެރިވެއެވެ.