ތައި އެއަރއޭޝިއާގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ. ބެންކޮކްއާއި މާލެއާ ދެމެދު ކުރެވޭ ސީދާ ދަތުރުތައް މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެއްފަހަރު ކުރެވޭނެކަމަށް ތައި އެއަރއޭޝިއާއިން މަޢުލޫމާތު ދެއްވައެވެ. މި ރޫޓު ފައްޓާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހު 14 ވަނަ ދުވަހު ތައިލޭންޑްގެ ބެންކޮކްގައި ބޭއްވުނު ޙަފްލާއެއްގައެވެ. އަލަށް ތަޢާރަފްކުރެވުނު މި ރޫޓް ޕްރޮމޯޓް ކުރުމަށްޓަކައި މި ފްލައިޓުން ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ އެއަރފެއަރއެއް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއާއި ބެންކޮކާއި ދެމެދު އެއަރއޭޝިއާ ފަދަ އިތުރު އެއަރލައިނަކުން ސީދާ ދަތުރުތައް ފެށުމުން އޭޝިއާ ސަރަހައްދުންނާއި އަދި ހާއްސަކޮށް ތައިލޭންޑުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ދެކޮޅުޖެހޭ އަގެއްގައި ރާއްޖެއަށް އަންނަން ބޭނުންވާ މެދުފަންތީގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ހުޅުވުނު ދޮރެއްކަމުގައި ވެގެންދާނެއެވެ.

ތައިލެންޑަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު، ކުރިއަރަމުން އަންނަ މާކެޓެކެވެ. އެގޮތުން 2016 ވަނަ އަހަރު ތައިލޭންޑުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ކުރީ އަހަރާއަޅާބަލާއިރު 3.4 އިން ސައްތަ އިތުރުވެފައެވެ. އަދި 2016 ގެ ޖޫން މަހުގެ ނިޔަލަށް އައި ފަތުރުވެރިންނާ އަޅާ ބަލާއިރު މި އަހަރު ގެ ޖޫން މަހުގެ ނިޔަލަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 18.9 އިން ސައްތަ އިތުރުވެފައެވެ.