މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއާރްޑީސީން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަނީ ތަރައްޤީޤެ މަޝްރޫޢުތައް ހިންގަމުންނެވެ. އެ ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ތެރޭގައި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ފުޓްސަލް ދަނޑުތައް ތަރައްޤީކުރުން ހިމެނެއެވެ.

އެމްއާރްޑީސީން ކުރިއަށްގެންދާ މަގުހެދުމުގެ މަސައްކަތުގެ އައްޑޫ ސިޓީ ހުޅުމީދޫގެ “ފޭސް 2″، އާއި، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގެ އިތުރުން ތ. ވިލުފުށީގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ވަނީ ނިންމާފައެވެ. އަދި ހއ. ދިއްދޫއާއި ހދ. ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު  ނިމިފައިވާ ކަމަށާއި މިއަހަރުގެ ނިއަލަށް ދެ ރަށުގެ މަގުހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. ހދ. ކުޅުދުއްފުށީ މަގުތަކުގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ތާރު އަޅަން ފަށާނެއެވެ. އަދި ދިއްދޫގެ މަގުތަކުގައި މިހާރު ތާރުއަޅަން ފަށާފައިވާކަންވެސް ފާހަގަކޮށްލެއްވެއެވެ.  ލ. ފޮނަދޫގެ މަގުތަކުގައި ސެޕްޓެމްބަރ މަހު ފަހުކޮޅު ތާރު އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.  މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މަގުތަކުގެ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަކެވެ.
އެގޮތުން މިހާރު ކުރަމުންދާ މަސައްކަތުގައި ތެރޭގައި މަގު ލެވެލްކުރުމުގެ މަސައްކަތާއި،ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ހިމެނެއެވެ. ފޮނަދޫގެ ނުވަ މަގެއް ޒަމާނި ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތް މިއަހަރުގެ ނޮވެމްބަރ މަހުގެ ނިއަލަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ލ ފޮނަދޫ މިމަސައްކަތް ކުރަމުންދަނީ އެމްއާރްޑީސީގެ މުވައްޒަފުންނެވެ.

ރ. އުނގޫފާރުގައި މަގު ހެދުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކެވެ.  އުނގޫފާރުގެ 14 މަގެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ހަދާނެއެވެ. މިމަޝްރޫޢު މަސައްކަތް އަންނަށް އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ރ. މީދޫ މަގު ހެދުމުގެ މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ މަގުތަކުގައި ގާ އެތުރުމުގެ މަސައްކަތްތަކެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބަނދަރު މަގާއި، ބޮޑު މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ. ބަނދަރު މަގުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބޮޑު މަގުގެ 85 އިއްސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މަގު އެއްކޮށް ނިންމާ، އިތުރު މަގެއްގެ މަސައްކަތް ފަށާނެއެވެ.

މީދޫގެ 8 މަގެއް ޒަމާނީ ފެންވަރަށް ހަދާނެއެވެ މިމަޝްރޫޢު  މިއަހަރުގެ ފަހުކޮޅަށް ނިންމާލުމަށް އެމްއާރްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. ހައަމަ މިއާއެކު އދ މަހިބަދޫ މަގުހެދުމުގެ މަޝްރޫޢުއަކީވެސް އެމްއާރްޑީސީން މިހާރު

ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މަހިބަދޫ ބަނދަރު ސަރަޙައްދުގައި ގާ އަތުރާ މިހާރުވަނީ ނިމިފައެވެ. އެރަށުގެ 20 މަގެއްގައި ގާ އަތުރާ ރަނގަޅު ފެންވަރަކަށް ހަދާނެއެވެ. އަދި އެރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މަގުތަކުގެ ރަނގަޅުފެންވަރަށްކަށް ހެދުމުގެ އިތުރުން އެކުންފުނިން ދަނީ ރަށްރަށުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. ފުވައްމުލައް ސިޓީއާއި ސ.ހުޅުމީދުގެ ވެލިމަގުތައް ރަނގަޅުފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މީގެއިތުރުން އެކުންފުނިން ކުރިއަށްގެންދާ 67 ރަށެއްގެ ފުޓްސަލް ދަނޑުގެ އެޅުމުގެ މަސައްކަތަށް ބަލާލާއިރު، 35 ރަށެއް ސިވިލް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.  18 ރަށެއްގެ ސިވިލް މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި 18 ރަށުގެ ތެރެއިން 12 ރަށެއްގެ ފުޓްސަލް ދަނޑުގެ ސިވިލް މަސައްކަތް މިމަހުގެ ނިއަލަށް ނިންމާލެވޭނެއެވެ. މި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް އެއްކޮށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިއަލަށް ނިންމާލެވޭނެއެވެ.

މަގުހެދުމުގެ މަސައްކަތް އިތުރުން ގދ. ތިނަދޫގައި ޢިމާރަތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތަކީވެސް އެމްއާރްޑީސީން ކުރަމުންދާ ތަރައްޤީޤެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިމަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމާ އިސްލާމިކް މިނިސްޓްރީއާ ޙަވާލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އެމްއާރްޑީސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙް ވިދާޅުވީ، އެމްއާރްޑީސީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިހާރު ޙަވާލުވެފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި އެކިއެކި ސަބަބުތަކާއި ހުރެ ނުނިމި ފަސްވެފައި ހުރި މަޝްރޫޢުތައްވެސް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމުގައެވެ. އަދި ހަމައެއާއެކު ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތައް ފުޅާކޮށް ، މަގުހެދުމުގެ އިތުރުން ، އިންފްރާސްޓްރަކްޗަރވެސް ހިމެނޭ ގޮތަށް ކުންފުނީގެ ކުރިއަށްގެން މަޝްރޫޢުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަމްދޫޙް ވިދާޅުވިއެވެ.