އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކުގައި ކޯސްޓްގާޑުން ހިންގި ނިޔަމި ކަމުގެ ކޯސް މިއަދު ނިންމާލައިފިއެވެ.

މިމަހު 15 އިން 18 އަށް ހިންގި މިކޯސް ނިންމުމުގެ ގޮތުން މިއަދު ޏ.ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އެވެ. މިރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ކާނަލް މުޙައްމަދު އިބްރާހީމްއާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން ޏ.ފޯއްމުލަކަލު ސިޓީ ކައުންސިލްގެ މޭޔަރާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން އެސިޓީ ކައުންސިލްގެ މެމްބަރެކެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ވަނީ ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް މިފަދަ ކޯހެއް ހެދުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ތިން ބަޔަކަށް ބަހާލައިގެން ހިންގި މިކޯހުގައި ޖުމްލަ 67 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މި ކޯހަކީ ކަނޑު އުޅަނދުފަހަރުގެ ތެރެއިން ބީ،ސީ،ޑީ އަދި އީ ކެޓަގަރީގެ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ނިޔަމި ކަމުގެ ކޯހުގެ ދެވަނަ މިންގަނޑަށް ހިންގި މި ކޯހުގައި، ޖުމުލަ 30 ގަޑިއިރުގެ ކުލާސްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިކޯހުގައި، މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި، ނެވިގޭޝަން، ކޮމިޔުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، ޞިއްޙީ ފުރަތަމައެހީ، ކަނޑުގެ ޤާނޫނާއި ޤަވާޢިދު އަދި ޗާޓް ވޯކްސް ހިމެނެއެވެ. މިކޯހުގައި ކިޔަވާދެއްވާފައި ވަނީ މިދާއިރާއިން ޢިލްމާއި ތަމްރީނު ހޯދާފައިވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.

މިކޯސް ނިންމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމް އާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން ކޯހުގެ މުދައްރިބުންނާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުގެ އިތުރުން ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.