ދިރާގާއި އަހްމަދިއްޔާ އިންޓާނެޝަނަލް ސްކޫލް ގުޅިގެން ކޮންމެ އަހަރަކު ޕްރީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރީސްކޫލް ފުޓްބޯޅަ ފެސްޓިވަލް ފަށައިފިއެވެ. މިއީ ދިރާގާއި އަހްމަދިއްޔާ ސްކޫލް ގުޅިގެން މި މުބާރާތް ވިދިވިދިގެން ބާއްވާ 7 ވަނަ އަހަރެވެ. ހެންވޭރު ބޯޅަ ދަނޑުގައި އިއްޔެ ހެނދުނު ފެށުނު މި މުބާރާތުގެ ކުޅުން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި 19 އޮގަސްޓް 2017 ހަވީރު 4:30 ގައި ފައިނަލް މެޗް އޮންނާނެއެވެ.

ކުޑަކުދިން ކުރިއެރުވުމާއި އަދި އެކުދިން އެކަކު އަކެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގަންނެވުމަކީ ދިރާގުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެކެވެ. ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ކުރިއެރުމުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެކެވެ. އަދި މިކަމަށް ގޮވާލައި ދިރާގުން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ. މި މުބާރާތަކީ ވެސް އެކުދިން ބާރުވެރި ކުރުވާ ކުދިންގެ މެދުގައި ކުޅިވަރު ކުޅުމުގެ ޝައުގާއި ފޯރި އަށަގަންނެވުމަށް ބާއްވާ ހަރަކާތެކެވެ.

މި އަހަރުގެ މުބާރާތުގައި މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭހެން 15 ސްކޫލަކުން ބައިވެރިވެފައިވާއިރު 270 އެއްހާ ކުޑަކުދިން މި އަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ. ގްރޫޕް ‘އޭ’ ގައި ވާދަކުރަނީ އެކްސެލް އިންޓަނޭޝަނަލް ޕްރީސްކޫލް، ބުރޫޖް ޕްރީ ސްކޫލް، ފަލާހް ޕްރީސްކޫލް އަދި ޝައިން ލާނަރސް ޕްރީ ސްކޫލެވެ.

ގްރޫޕް ‘ބީ’ ގައި އަމީރު އަހުމަދު ޕްރީ ސްކޫލާއި ކިންޑަރ ޕްރީ ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވާދަކުރުމަށް ހަމަޖެހިފައިވާއިރު ގްރޫޕް ‘ސީ’ ގައި ހިމެނެނީ ބްރިޖް ލިޓްލް ލާނާސް ޕްރީ ސްކޫލް، ރެހެންދި ސްކޫލް، ލިޓްލް ޖެމްސް ޕްރީ ސްކޫލް އަދި ކެންގަރޫ ކިޑްސް ޕްރީ ސްކޫލެވެ.

މުބާރާތުގެ ގްރޫޕް ‘ޑީ’ ގައި  ވާދަކުރަނީ 3 ޓީމެވެ. އެއީ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ އަދި ދޮންދޫނި ޕްރީ ސްކޫލެވެ.