ރައީސް ޔާމީންގެ ފޯކަސް އަބަދުވެސް ހުންނަވާނީ ތަރައްޤީއަށް ކަމަށާއި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީންގެ ތަރައްގީގެ ފޯކަސް އެއްގޮތަކަށްވެސް ގުޑުވައެއް ނުލެވޭނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިއު.އެސް.ސީ އަށް 22 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި މި އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ.

“އެމްޑަބްލިއުއެސްސީ ކުރިއެރުވުމަށް ކުރަމުންގެންދާ ކަންތައްތަކާއި، ރައްޔިތުންނަށް ކޮށްދޭ ކަންތައްތައްވެސް ސަރުކާރުން ކުރައްވަމުންގެންދަވާނެ.” މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ އިދިކޮޅުފަރާތްތަކުން ކުރާ ބައެއް ކަހަލަ ކަންތައްތައް ހުއްޓާލަން ގޮވާލައްވާފައެވެ.

“ރައްޔިތުންގެ ތަރައްގީއަށް ފައިސާ ހޯދަން އުޅޭއިރު، ނުބައި މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދީގެން ދަތިކުރުމުގެ ބައެއް ކަހަލަ ފިޔަވަޅުތައް އެޅުވުމަށް އިދިކޮޅުފަރާތްތަކުން އެބަ  މަސައްކަތްކުރޭ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަންތައްތަކެއް ނޫން.” މިނިސްޓަރ ވިދާޅުވިއެވެ. “އަދި ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންތައްތައް ކޮށްދޭން އަޅުގަނޑުމެން މަސައްކަތްކުރާއިރު އެކަމަށް އެއްގޮތަކަށްވެސް އުނދަގޫކޮށް ހަދައިގެން ނުވާނެ. ތަރައްގީގެމަސައްކަތް އިރާދަކުރެއްވިއްޔާ ރައީސް ޔާމީނުގެ ޒަޢާމަތުގައި އަޅުގަނޑުމެން ކުރާނަން.”

އެމް.ޑީ.ޕީ ސަރުކާރުގައި އެމްޑަބްލިއުއެސްސީ ޝެއަރގެ %20  އެންމެ 16 މިލިއަން ޑޮލަރަށް ވިއްކާލާފައިވާކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެވިއެވެ.

“މިއީ އަޅުގަނޑުމެން ދެކޭގޮތުގަ ވަރަށް ދެރަ ކަމެއް.” މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. “އެއީ އަޅުގަނޑުމެން ރާއްޖޭގަ މިކަހަލަ މުހިއްމު އަސާސްތައް ފޯރުކޮށްދެމުން ދަނީ ދިވެހިން. ދިވެހިން މިކަންތަކުގަ މިއުޅެނީ. ކަރަންޓުގެ ނިޒާމަށް ބަލާލިކަމުގައިވިޔަސް، މުޅި ރާއްޖޭގައިވެސް މިވަގުތު މިއުޅެނީ ހުސް ދިވެހިން.” ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އެމްޑަބްލިޔުއެސްސީން މިހާރު ވެސް 50 އަށްވުރެ ގިނަ ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަމުންދާކަން ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީން އިންޓަރނޭޝަނަލް ޓެންޑެރިންގ ޕްރޮޖެކްޓުތަކުން ނުވަ ޕްރޮޖެކްޓް ކާމިޔާބުކޮށްފައި ވާތީ މިނިސްޓަރ ވަނީ އެކަންވެސް ފާހަގަކުރައްވާފައެވެ.

“ވަރަށް ވަރުގަދަ، ނޫނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްގެން މިކަހަލަ ކަންތައް ކުރެވޭނީ. ” މިނިސްޓަރ ވިދާޅުވިއެވެ. “މިހާރު އިންޓަރނޭޝަނަލް ޓެންޑަރުން މަސައްކަތް ހޯދައި ރާއްޖޭގައި މަސައްކަތް ކުރެވޭއިރު ރާއްޖެއިން ބޭރުގެ ޤައުމުތަކުގަ އެމްޑަބްލިއުއެސްސީ އަށް ކުރިމަގުގަ މަސައްކަތް ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް.”