ބ. އަތޮޅަކީ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް ނަމޫނާ އަތޮޅެއް ކަމަށާއި ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްއަކަށް 2011 ވަނަ އަހަރު ވެގެންދިއުމަކީ އެކަމުގެ ހެއްކެއް ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

“ބަޔޮސްފިއަރ ރިޒަވްއެއްގެ ގޮތުގައި ބ. އަތޮޅު ވެގެން ދިއުމުން ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވުމުގެ އިތުރުން އަންނަން އޮތް ޖީލުތަކަށް ބ. އަތޮޅުގެ ގުދުރަތީ މުއްސަނދިކަން ފޯރުކޮށްދެވި ހެއު ނަފާ ހޯދުމަށް މަގުފަހިވެގެންދާނެ.” އެކްސެލެންސް އިން ފީލްޑް މެނޭޖްމަންޓް އޮފް ނެޗެރަލް ރިސޯސަސް- ޓެކްނިކަލް ޓްރެއިނިންގ ފޯރ ރޭންޖަރސް” ގެ ނަމުގައި ބ. އޭދަފުށީގައި ބޭއްވި މަސައްކަތުބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާދީއްތަ ދުވަހު ޒިޔާދު ވިދާޅުވިއެވެ. “އަޅުގަނޑު އެދެނީ ބ. އަތޮޅު ބަޔޮސް ފެއަރ ރިޒާވްއިން ހިތްވަރު ލިބި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ދިރާސާތަކުގެ އަލީގައި މިފަދަ ސަރަހައްދުތައް ގާއިމުވެގެންދިއުން.”

ބަޔޮސްފެއާރ ރިޒާވްއަކީ ވެށީގެ މުއްސަނދިކަމުގެ ގޮތުންނާއި އިގުތިސާދީ އަގު ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ އުފުލިފައިވާ ތަންތަނެވެ. އަދި މިފަދަ ތަންތަން ރާއްޖޭގައި ހުރުމަކީ ދިވެހީންނަށްލިބިފައިވާ ފަޚުރެކެވެ.

ބ. އޭދަފުށީގައި ބޭއްވި ވަރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްގަމާއި މޫދު ހިމެނޭ އޭރިއާ މެނޭޖަރުންނަށް ރަށްރަށާއި ފަރުތައް މެނޭޖްކުރުމުގެ ތިއަރީއަށް އަހުލުވެރިކުރުމެވެ.

މި ވަރކޮޝޮޕްގައި ބ. އަތޮޅު ބަޔޯސްފިއަރ ރިޒަރވް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އައްޑޫ އަދި ފުވައްމުލަކުގައި ޤާއިމުވެތިބޭ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) ގެ ރޭންޖަރސް ގެ އިތުރުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިން ޖުމުލަ 15 މީހުން ބައިވެރިވިއެވެ.

ތިން ދުވަހުގެ މުއްދަތަށް އޭދަފުށީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕޮރޮގްރާމުގައި މައުލޫމާތު ދެއްވީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނެވެ.

“ބަޔޮސްފިއަރ ރިޒާވްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނީ ކަމަށް ޝައުޤުވެރިކަން ހުންނަ ޑެޑިކޭޓެޑް ރޭންޖަރުންގެ ވަރަށް ބޮޑު ދައުރަކާއެކު.” ޒިޔާދު ވިދާޅުވިއެވެ. “ރޭންޖަރުންނަކީ އެކަށީގެންވާ ތަމްރީނާއި މައުލޫމާތު ލިބި ކަމަށް ގާބިލު ނަމޫނާ ބަޔަކަށް ވުމާއެކު ބަޔޮސްފިއަރ ރިޒާވްއާ ގުޅޭ މައުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދެވޭ ފަދަ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް.”

ޒިޔާދު ވިދާޅުވި ގޮތުގައި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ރޭންޖަރުން މިހާރު ވެސް ކުރަމުންދާ ރަނގަޅު މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި އައު ހިތްވަރަކާއި ގާބިލުކަމެއް ލިބިގެންދާނެއެވެ.