ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގް ރާއްޖެ ވަޑައިގެންފިއެވެ.

އެކަމަނާ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހަވީރު 04:00 ހާއިރުއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދެކުނު އިތުރުމަތީ އޭޝިއާ ސަރަޙައްދުގެ 70 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީ ބައްދަލުވުމަކީ މި ސަރަހައްދުގެ ޞިއްޙަތާއި ބެހޭ ވަޒީރުންނާއި، ޞިއްޙީ ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް މި ސަރަހައްދުގެ ރައްޔިތުންގެ ޞިއްޙަތާއި ބެހޭ މުހިއްމު ނިންމުންތައް ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.

މި އަހަރު މި ބައްދަލުވުން ބޭއްވުމަށްހަމަޖެހިފައިވަނީ މި މަހުގެ 6 އިން 10 ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޕޫނަމް ރާއްޖެ ވަޑައިގެންފައިވާއިރު، މީގެ ކުރިން ވެސް އެކަމަނާ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އެގޮތުން އެންމެ ފަހުން އެކަމަނާ ރާއްޖެ ވަޑައިގެންފައިވަނީ 2014 ވަ އަހަރުގައެވެ. އެ ދަތުރުފުޅުގައި ވެސް ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައި ހުރި މައްސަލަތައް އޮޅުން ފިލުއްވައި އެމައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން ސަރުކާރާއި އެކު މަޝްވަރާ ކުރެއްވިއެވެ.

ޑރ. ޕޫނަމް އަކީ ޞިއްޙީ ދާއިރާގެ އެކި ކަންކަމުގައި ވަރަށް ގިނަ ތަޖްރިބާ ލިބިފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ބައިނަލް އަޤްވާމީ ފެންވަރުގައާއި ޤައުމީ ފެންވަރުގައި ޞިއްޙީ ދާއިރާއަށް ވަރަށް ގިނަ ގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

އެގޮތުން އިންޑިޔާގެ އެޑްމިނިސްޓްރޭޓިވް ސަރވިސަސްގައި ސީނިއަރ ސިވިލް މުވައްޒަފެއްގެ މަޤާމާއި، ޕަންޖާބް ސްޓޭޓުގެ ހެލްތު ސެކްރެޓަރީގެ މަޤާމްގެ އިތުރުން ވޯލްޑް ބޭންކްގެ ހެލްތު، ޕޮޕިއުލޭޝަން އެންޑް ނިއުޓްރިޝަން ޑިޕާޓްމަންޓްގައި ވެސް މަސައްކަތްކުރައްވާފައެވެ.

އެއަށްފަހު 1998 އަހަރު ޑަބްލިޔު.އެޗް.އޯ އާ ގުޅިވަޑައިގެން އެއިދާރާގެ އެގްޒެކަޓިވް ޑައިރެކްޓަރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އެންޑް ހެލްތީ އެންވަރަމަންޓްގެ މަޤާމާއި، އެއިދާރާގެ ޑައިރެކްޓަރ ޖެނެރަލް ކެބިނެޓްގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.

އަދި އެކަމަނާ ވަނީ ދެކުނު އިރުމަތީ އޭޝިޔާއަށް ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ޑެޕިއުޓީ ރީޖަނަލް ޑައިރެކްޓަރގެ މަޤާމު 2000 ވަނަ އަހަރުން 2013 ވަނަ އަހަރަށް ފުރުއްވާފައެވެ. 2013 ވަނަ އަހަރު ފެބްރުއަރީ މަހު އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީ ވެލްފެއަރ އާއި ގުޅިވަޑައިގެން އެތަނުގެ އެޑްވައިޒަރެއްގެ މަޤާމު ވެސް އެކަމަނާ ވަނީ އަދާކޮށްފައެވެ.

http://health.gov.mv/News/4179