އެޓަރނީ ޖެނެރަލްގެ އޮފީހުގެ 67 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. މި ޙަފްލާގައި އެޓަރނީ ޖެނެރަލް އާއި އޮފީހުގެ އިސް ވެރިންގެ އިތުރުން އޮފީހުގެ ހުރިހާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޙަފްލާ އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން އެޓަރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ވާހަކަފުޅު ދެއްކެވިއެވެ. މި ޙަފްލާ ބާއްވާފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގެ ރަސް މާލަން ބޯލްރޫމްގައެވެ.

މި ޙަފްލާގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި މެދުނުކެނޑި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެޓަރނީ ޖެނެރަލް ދެއްވި އެވޯޑުތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައެޅި އެވޯޑްތައް ޙަވާލުކުރުން އޮތެވެ. މީގެ އިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިންޓަރނަލް ކަންކަމަށް ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ލޯގޯ އިފްތިތާޙުކުރުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ނޫސް މަޖައްލާ ‘ބަންޑާރަ ޚަބަރު’ ގެ ވަރަށް ޚާއްޞަ ޢަދަދެއް އޮފީހުގެ އަހަރީ ދުވަހާ ގުޅުވައިގެން ނެރުން އޮތެވެ. މި ޚާއްޞަ ޢަދަދަކީ، މި އޮފީހުގެ ބަންޑާރަނައިބުކަން ކުރެއްވި ބައެއް ބޭފުޅުންނަށް ޓްރިބިއުޓެއްގެ ގޮތުގައި އެ ބޭފުޅުންގެ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ނެރެފައިވާ އަދަދެކެވެ.