ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގައި އާންމުވަމުން އަންނަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތް ފެށުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުން، މިކަމާ ގުޅޭގޮތުން މިއަދު ރާއްޖެއިން ހުށަހެޅި ޤަރާރު ބަލައިގެންފިއެވެ. މި ނިންމުމުގައިވާ ގޮތުން ހުރިހާ މެންބަރު ޤައުމަކުން ވެސް އެޤައުމެއްގެ ޞިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ހޭލުންތެރިވެ، އެފަދަ ބައްޔެއް ޖެހިއްޖެ ހާލަތަކަށް ތައްޔާރަށް ތިބުމާއި އެފަދަ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރެޕާލް ވިދާޅުވިގޮތުގައި، ތިމާވެއްޓަށް އަންނަ ކުދި ބޮޑު ބަދަލުތަކުގެ ސަބަބުން މުޖުތަމަޢުގައި އެކި ކަހަލަ ބަލިމަޑުކަން ފެތުރުމަށް ޖާގަލިބޭކަމަށާއި، މިހާރުވެސް ބައެއް މުޖުތަމަޢުތަކުން މިފަދަ ކަންކަމުގެ އަސަރުކުރަމުންދާކަމަށެވެ. މިގޮތުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދިރި އާލާވާ ފަދަ ތަންތަން އިތުރުވުން ފަދަ ކަންކަމުން ވެސް ބަލިމަޑުކަން އިތުރުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިއަދު މިފާސްކުރެވުނު ޤަރާރުން ދޭހަވަނީ ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުން ވަގުތުން ވަގުތަށް މިފަދަ ކަންކަން ހުއްޓުވުމަށް ދޭ އަހަންމިއްޔަތުކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ސަރަޙައްދުގެ ކަންކަން ނިންމާ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ 70 ވަނަ ސަރަޙައްދީ ބައްދަލުވުމުގައި މިއަދު ފާސްކުރެވުނު މި ޤަރާރަކީ ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކުން ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ގޮވާލާ ޤަރާރެކެވެ. މި ޤަރާރުގައި ހިމެނިފައިވާ އެކްޝަން ފްރޭމްވާރކަކީ 2017 ވަނަ އަހަރާއި 2022 ވަނަ އަހަރާއި ދެމެދުގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ފްރޭމްވާރކެކެވެ. އަދި، މިޤަރާރުން ދުނިޔޭގެ އެކި މުޢައްސަސާތަކަށާއި ތަރައްޤީއަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކަށް މިފަދަ ކަންކަމުން އަރައިގަތުމަށް ބޭނުންވާނެ ފައިސާއާއި، އިންސާނީ ވަސީލަތްތަކާއި އާލާތްތަށް ތައްޔާރަށް ބެހެއްޓުމަށް ގޮވާލައެވެ.

ޑރ. ޕޫނަމް ކެތްރެޕާލް ވިދާޅުވިގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުން އަންނަ ނުރައްކާތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުގެ ޞިއްޙީ ނިޒާމް ތައްޔާރުކުރުވުމަށް ބޭނުންވާ އެހީތެރިކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ފޯރުކޮށްދޭނެކަމުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ 70 ވަނަ ސަރަޙައްދީ ބައްދަލުވުން މިހާރު ރާއްޖޭގައި ކުރިއަށް އެބަދެއެވެ. މި ބއްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖެއާއި، ބޫޓާނާއި، ބަންގްލަދޭޝާއި، ސްރީލަންކާއާއި، ތައިލެންޑުގެ އިތުރުން އިންޑިޔާ، ކޮރެއާ، ނޭޕާލް އަދި އިންޑޮނީޝިޔާ ފަގަ ޤައުމުތަށް ހިމެނެއެވެ.