މި ސަރަޙައްދުގައި އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް މެންބަރު ގައުމުތަކުން ކުރާ މަސައްކަތްތައް ފާހަގަކޮށް ދެކުނު އިރުމަތީ އޭޝިއާގެ 70 ވަނަ ސަރައްޙައްދީ ބައްދަލުވުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުން ފާހަގަކޮށް އެވޯޑު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ދެއްވައިފިއެވެ.

ދިވެހިރާއްޖެއަކީ ހިމަބިހި(މީސްލްސް) ނައްތާލާފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާ އިޢުލާންކޮށް ފައިވަނީ 13 ޖޫން 2017 ގައެވެ. މިކަން އިޢުލާން ކުރެއްވީ ނިއު ދިއްލީގައި ހިންގި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ 8 ވަނަ ބައްދަލުވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތުރަޕަލް ސިންގްއެވެ.

މި ސަރަޙައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ގަމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ބޫޓާންވެސް ހިމެނެއެވެ. އަދި މި ދެ ޤައުމަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަޙައްދުގެ ޤައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާރގެޓްގެ ކުރިން މިކަން ޙާސިލް ކޮށްފައިވާ ފުރަތަމަ ދެޤައުމު ކަމުގައި ފަޚުރުވެރިކަމާ އެކު އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ގައިންގައިން އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައިވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް ޢާއްމުކޮށްދޭ ވެކްސިންދޭ ޢުމުރުފުރާގެ އިތުރުން އެހެން ޢުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގުނެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމް.އެމް.އާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ޤައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަޙައްދުން ހިމަބިހި ނައްތާލާ އަދި ރުބެއްލާ ޖެހުން ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ޓާރގެޓްގެ ދަށުން ބަލިއުޅޭކަން ދެނެގަތުމަށް “ޑިޒީސް ސަރވެއިލަންސް” ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާރިޗު މަހުގެ ތެރޭގައި އެމް.އާރު (މީސްލްސް،ރުބެއްލާ) ވެކްސިން ދިނުމުގެ ޚާއްޞަ ޤައުމީ ކެމްޕެއިންއެއް ވަނީ ހިންގާފައެވެ. މި ޤައުމީ ކެމްޕެއިން އިފްތިތާޙް ކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަދި މި ކެމްޕެއިންގެ ނަތީޖާއާއި ކަމާބެހޭ މަޢުލޫމާތުތައް 2017 އޭޕްރީލްގައި ރީޖަނަލް ވެރިފިކޭޝަން ކޮމިޝަންއިން ބައްލަވާ ކަށަވަރުކޮށްފައެވެ.

ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްކަމުގައި ދެމެހެއްޓުމަށްޓަކައި މިހާރުވެސް ކުރިއަށް ގެންދާ ޤައުމީ ތާވަލާއި އެއްގޮތަށް ވެކްސިނޭޝަން މެދުނުކެޑި ކުރިއަށް ގެންދިއުމާއެކު ބަލި އުޅޭ ނޫޅޭގޮތް ހަރުދަނާ ކަމާއިއެކު ބަލަހައްޓަމުން ގެންދެވޭނެއެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ހިމަބިހި ނައްތާލުމަށް ކުރެވުނު މަސައްކަތުގައި ދިވެހި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ފަރާތްތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް ޞިއްޙަތާބެހޭ ވަޒީރު އަލްފާޞިލް ޢަބްދުއްﷲ ނާޡިމް އިބްރާހިމް ޝުކުރުއަދާކުރެއްވިއެވެ.

http://health.gov.mv/News/4181