ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެން، ގައިންގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ޤައުމީ ކެމްޕޭން “ފަންސަވީހަށް ފަންސަވީސް” މިއަދު އިފްތިތާހުކޮށްފިއެވެ.

ޕްރެޑައިޒް އައިލޭންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން އިފްތިތާޙްކޮށްދެއްވީ، ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް އަދި ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރިޕާލް ސިންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޘިމް ވިދާޅުވީ، މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ޓެޓެނަސް އަދި ހިމަބިހި ފަދަ ފަސޭހައިން އެކަކުގައިން އަނެކެއްގެ ގަޔަށް ފެތުރިގެންދާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް ނައްތާލެވިފައިވާއިރު، މިހާރު ކުރިމަތިވެފައިވާ އާއްމު ޞިއްޙަތުގެ އެންމެބޮޑު ގޮންޖެހުމަކީ، އެކަކުގައިން އަނެކަކުގަޔަށް އެބަލިތައް ވާޞިލުނުވާ ނުވަތަ ތިމާގެ ދިރިއުޅުމުގެ އާދަތަކާގުޅިގެން ކުރިމަތިވާ އަދި ދިގުމުއްދަތަށް އެބަލިތަކުގެ ވޭންތަޙައްމަލުކުރަންޖެހޭ ބަލިތައް ކަމަށެވެ.

“ރާއްޖޭގައި އަހަރެއްގެ ތެރޭ މަރުވާ މީހުންގެ %81 ޙިއްޞާކުރަނީ ގައިންގަޔަށް ނާރާ ނުވަތަ ނަންކޮމިއަނަކަބްލް ޑިޒީޒަސް ކަމުގައި ވުމުގެ މާނައަކީ، ރާއްޖޭގައި މިވަނީ ނުރައްކަލުގެ ރަނގަބީލު ޖަހާފަ” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ކެމްޕޭންގެ މަގްސަދަކީ،މި ފަދަ ބަލިތައް މަދުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިފައިވާ މިއާދަތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް ހުރިހާ ޢުމުރު ފުރައަކަށް ރިޢާޔަތް ކޮށް، ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައި އެކަންކަމަށް ސަމާލުވާންޖެހޭ ކަންކަން އެން.ސީ.ޑީ ކެމްޕޭންގެ ޒަރީޢާ އިން ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންސީޑި ކެމްޕޭން ދަށުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މި މަސައްކަތް ކުރިމަގުގައި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި “ނެޝަނަލް އެކްޝަން ޕްލޭން ފޯރ ދަ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮންކޮމިއުނިކަބަލް ޑިސީސް”ގެ ނަމުގައި 5 އަހަރަށް (2016 ން 2020)ތައްޔާރު ކުރެވިފައިވާ އެކްޝަން ޕްލޭން ތަންފީޒްކުރުމާއި ، މިއެކްޝަން ޕްލޭންގެ ދަށުން “އެން.ސީ.ޑީ ހައިލެވެލް ސްޓިއަރިން ކޮމެޓީ” އެކުލަވާލާ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

މިގޮތުން މި ލަދުދަނޑި ޙާޞިލު ކުރުމަށްޓަކައި މިހާތަނަށް ކުރެވިފައިހުރި މަސައްކަތްތަކުގެ ތެރޭގައި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރުމަށް ޞިއްޙީ ޚިދުމަތުގެ ތެރެއިން ކުރާނޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރާނެ ގޮތުގެ އުޞޫލުތައް ނުވަތަ “ޕެން ޕެކޭޖް” އެކުލަވާލާ މި މަސައްކަތުގައި ޝާމިލުވާ ޞިއްޙީ ޚިދުމަތްތެރިންނަށް ތަމްރީނު ދިނުން ހިމެނެއެވެ.

އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޞިއްޙީ ޚިދުމަތް ތެރިން ބޭނުން ކުރުމަށްޓަކައި “ނެޝަނަލް ޓޮބޭކޯ ސެޒޭޝަން ޓޫލްކިޓް” ގެ ނަމުގައި ފަންނީ އުޞޫލުތައް އެކުލަވާލާ ޞިއްޙީ ޚިދުމަތްތެރިންނަށް ތަމްރީނު ދިނުމެވެ.

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް މިދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާކޮށް ރަނގަޅު ކުރުމަށް “ނަފްސާނީ ޞިއްޙަތުގެ ޤައުމީ ސިޔާސަތު”، އަދި ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ އިތުރުން ކެއިންބުއިމުގެ ނުރަނގަޅު އާދަކާދަތަކުގެ ތެރެއިން ގިނައިން ހަކުރުއެކުލެވޭ ބުއިންތައް ބޭނުންކުރާ މިންވަރު މަދުކޮށް މިކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުންސްކޫލްތަކުގައި އެނާރޖީ ޑްރިންކް ބޭނުންކުރުމާއި ވިއްކުން އަދި ސަރުކާރުން ހިންގާ ޞިއްޙީ ޚިދުމަތް ދޭ ތަންތާގައި އެނަރޖީ ޑްރިންކްސް ބޭނުން ކުރުން ވަނީ މަނާ ކުރެވިފައެވެ.

http://health.gov.mv/News/4184?language=MV