އ.ދ ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަފުދުގެ މަންދޫބެއްގެ ގޮތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ، އަލްފާޟިލް ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިތުމުގެ އިތުރުން އެ ޖަލްސާގެ ހަވާސާގައި ބާއްވާ “ކްލައިމެޓް ވީކް” ގައި އެ މަނިކުފާނު ބައިވެރިވެޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި ޖެނެރަލް އެސެމްބްލީގައި ބައިވެރިވެލައްވާ ކުދި ޖަޒީރާ ޤައުމުތަކުގެ އިސް މަންދޫބުންނާއި ބައްދަލުކުރައްވާ ރާއްޖެއިން އިސްނަގައިގެން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ (އައިރީނާ) އާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އިނީޝައޭޓިވް ފޯރ ރިނިއުބަލް އައިލެންޑް އެނަރޖީ” އާއި މެދު މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކެނެޑާގެ މޮންޓްރިއަލްގައި ބޭއްވޭ ވަޒީރުންގެ ފެންވަރުގެ މަޝްވަރާ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މޮންޓްރިއަލްގައި ބޭއްވޭ މިނިސްޓީރިއަލް މީޓިންގ އޮން ކްލައިމެޓް އެކްޝަން އަކީ މިއަހަރު ނޮވެމްބަރުމަހު އޮންނަ މޫސުމާ ބެހޭ މުއާހަދާގެ މައި ބައްދަލުވުން (ކޮންފަރަންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަންއޮން ކްލައިމެޓް ޗޭންޖް) އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ. މި ވަޒީރުންގެ ބައްދަލުވުމުގައި  މިއަހަރުގެ ކޮންފަރެންސް އޮފް ދަ ޕާޓީގެ ބައްދަލުވުމުގައި  ނިންމަން ބޭނުންވާ ކަންތައްތަކާއި މެދު މަޝްވަރާކުރެވޭނެއެވެ. ކުދިޖަޒީރާ ޤައުމުތަކުގެ އިއްތިހާދު، އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ޗެއާރގެ ހައިސިއްޔަތުން މިނިސްޓަރ ޠާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމުތަކުން މިއަހަރުތެރޭގައި ކުރަން ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން އެޤައުމުތަކުގެ ހައްޤުގައި ވަކާލާތު ކުރައްވާނެއެވެ.