ކެނެޑާގެ މޮންޓްރިއާލްގައި 16 ސެޕްޓެމްބަރ ގައި ހިނގަމުންދާ ހައިލެވެލް މިިނިސްޓަރުންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ ތާރިޤް އިބްރާހިމް ބައިވެރިވެ ވަޑައިގެންފިއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ވަކާލާތު ކޮށް އިސްދައުރެއް އަދާކުރައްވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވެލައްވައެވެ. ދިވެހި ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ކުދި ޖަޒީރާ ޤައުމތަކުގެ ރިޔާސަތު ބަލަހައްޓަމުންދާ އެއޯސިސް ޗެއާގެ ހައިސިއްޔަތުންނެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ 2015 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޕެރިހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން އެކުލަވާލެވި އެއްބަސް ވެވުނު ޕެރިސް އެގްރީމެންޓް ތަންފީޒުކުރުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެއްކުމަށެވެ. އަދި މި އަހަރު ނޮވެމްބަރުމަހު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމާ ބެހޭ މުއާހަދާގެ މައި ބައްދަލުވުން ކަމަށްވާ ކޮންފަރަންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަންއޮން ކްލައިމެޓް ޗޭންޖް އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުން، މިދިޔަ ހަފްތާގައި އެޓްލާންޓިކްގައި ހިނގާދިޔަ ތޫފާނުގެ ކާރިސާއަށް އަލިއަޅުއްވާލައްވައި، ތާރިޤް ވިދާޅުވީ، އެ ކާރިސާގައި ގެއްލުންވި ޤައުމުތަކާއި ލިބުނު ހިތާމައިގައި ދިވެހިން ބައިވެރިވާކަމަށެވެ. އަދި މިކާރިސާ އަންގައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަމަލީ ސިފައެއް ގެނައުމަށް ވަގުތު ކުޑަތަންވަމުން އަންނަ ކަމަށާއި، މަސައްކަތްތަކަށް މިހާރަށްވުރެ ހަލުވި ދުވެއްޔެއް ބޭނުންވާ ކަމަށެވެ.

މިބައްދަލުވުމުގެ ހަވާސާގައި، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އަދި ކެނެޑާގެ ތިމާވެއްޓާއި ބެހޭވަޒީރު ކެތަރިން މެކީނާ އާއި ބައްދަލުކުރެވިއެވެ. މިބައްދަލުވުގައި ދިވެހިރާއްޖޭގެ ސަރުކާރަށާއި އަދި ރައީސް އަބްދުﷲ ޔާމީން ތިމާވެށި ރައްކާތެރިކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ކުރައްވާ މަސައްކަތްތައް އެ މަނިކުފާނު ފާހަގަކުރެެއްވިއެވެ. އަދި އެއޯސިސްގެ ރިޔާސަތު ބެލެހެއްޓުމުގައި ދިވެހިރާއްޖެއިން ދައްކާފައިވާ ލީޑަރޝިޕްއަށް ތަޢުރީފުކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ކުރެވެމުން ދާ މަސައްކަތް ހުއްޓާނުލާ މިއަށްވުރެ ފުޅާދާއިރާއެއްގައި ދިވެހިރާއްޖެއިން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ތާރިޤް އިބްރާހިމް ދެއްވިއެވެ.

މިބައްދަލުވުމަކީ ކެނެޑާ ސަރުކާރުގެ އިސްނެގުމާއި، ޗައިނާ އަދި ޔޫރަޕިއަންޔޫނިއަންގެ ފަރާތުން ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ އިސް މުވައްޒަފުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

CAM (1)

CAM (4)