ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވެލިޑޭޓްކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕްގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އައިމިނަތު ޝިފާނާ ވިދާޅުވީ ޖެންޑަރގެ ދާއިރާއަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ، އަދި ހޯދަމުން އަންނަ ދާއިރާއެއް ކަމަށެވެ. އަދި ވަކި ޖިންސަކަށްވީތީ ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށާއި، ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއި އެކު ފުރުޞަތުތައް ހޯދާދިނުމަށް ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ވަކި ޖިންސަކަށްވީތީ ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝިފާނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި މަޝްވަރާކޮށްފައިވާ މި އެކްޝަން ޕްލޭނަކީ ކަމާބެހޭ އެންމެހައި އިދާރާތަކާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ކުރިން ޙިއްޞާކުރެވި މަޝްވަރާކުރެވިފައިވާ އެކްޝަން ޕްލޭނެކެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނުން މައިގަނޑު 5 ލަނޑުދަނޑިއެއް ހާސިލުކުރުމަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިމަނާފައިވެއެވެ. އެގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ލީޑަރޝިޕް އަދި ގަވަރނެންސްގެ ދާއިރާއިން ހަމަހަމަ ފުރުޞަތުތައް ހޯދައި ދިނުމާއި، އިޤުތިޞާދީ ގޮތުން ޤައުމު ތަރައްޤީކުރުމަށާއި އިޤުތިޞާދީ މަންފާ ހޯދުމަށް އަންހެނުންނާއި ފިރިހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ގޮތެއްގައި ފުރުޞަތުތައް ލިބޭކަން ކަށަވަރުކުރުމާއި، އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި، ނަފްސުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ޢަދުލު އިންސާފު ލިބިދޭކަން ކަށަވަރުކޮށްދިނުމަކީ މިއެކްޝަން ޕްލޭނުން ހާސިލުކުރުމަށް ކަނޑައަޅާ މުހިންމު ލަނޑުދަނޑިތަކެކެވެ.

މި ވޯކްޝޮޕްގައި ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އ.ދ.ގެ 5 އޭޖެންސީއަކާއި 15 ޖަމްޢިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވެފައިވެއެވެ.

Image2

Image4

Image5