މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ހަރަކާތްތެރިވާ  ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މިއަދު ފަށައިފިއެވެ.

މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، މި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރެވޭމަސައްކަތުގައި ސިވިލް ސޮސައިޓީތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަދާކުރެވޭނެ ދައުރާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވޭނެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ އޮކްޓޫބަރ މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ސިވިލް ސޮސައިޓީ އޯގަނައިޒޭޝަންސް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް 2017’ އަށް ތައްޔާރުވުމެވެ. މި ފޯރަމްގެ މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކާއި، ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއި އިތުރަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާނޭކަންކަމުގެ މަގުޗާޓެއް އެކުލަވާލުމެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ދައްކާލުމުގެ އިތުރުން، ނެޓްވޯކިންގ ގެ ފުރުސަތުވެސް މި ފޯރަމްގެ ތެރެއިން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ލިބިގެން ދާނެއެވެ.

މި ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ރައުންޑް ބޭއްވިފައިވަނީ ހ.އ، ހ.ދ އަދި ށ އަތޮޅަށް ޚާއްސަކުރެވިގެން އޮގަސްޓް މަހުގެ 16 އަދި 17 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައެވެ.  އަދި މި ބައްދަލުވުންތަކުގެ 2 ވަނަ ރައުންޑް މި ހިނގާ ސެޕްޓެމްބަރ މަހުގެ 11 އިން 12 އަށް ނ، ރ، ބ، ޅ، ކ، އ.އ، އ.ދ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކުރެވިގެން، މާލޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ދިވެހި އަދި ބައިނަލްއަޤުވާމީ ސިވިލް ސޮސައިޓީތަކަށާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޚާއްސަކޮށްގެން 16 ސެޕްޓެމްބަރ 2017 ގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން، ގއ. އަދި ގދ. އަތޮޅަށް ޚާއްސަކުރެވިގެން މިފަދަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮކްޓޫބަރ މަހު 14 އިން 15 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ގއ. އަދި ގދ. އަތޮޅުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން މި ލިންކް (goo.gl/DpzcG4) ގައިވާ ފޯމް ފުރުއްވައިގެން ރެޖިސްޓްރީ ކުރެވޭނެއެވެ. އަދި މި ބައްދަލުވުންތަކާއިގުޅޭ އިތުރު މަޢުލޫމާތު 7778711، 3018464 އަދި 3018463 ނަންބަރު ފޯނުން އަދި sdg@environment.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވޭނެއެވެ.

b