މުޅި ހުޅުމާލެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ސާރވޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މިއަދު ހެނދުނު ފަށައިފިއެވެ.

“ހާލު ސާރވޭ”ގެ ނަމުގައި ފަށާފައިވާ މި ސާރވޭގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މިވަގުތު ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތަކާއި ބެހޭ ގޮތުން ހިޔާލު ހޯދައި، މިހާރުން މިހާރަށް އެންމެ ބޭނުންވާ ޚިދްމަތްތަކަކީ ކޮބައިތޯ ބެލުމެވެ.

މީގެ އިތުރުން، ހުޅުމާލެ ތަރައްޤީ ކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު، މި ސިޓީގައި ދިރިއުޅޭ އާއްމު ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުށަހެޅުމުގެ ފުރުޞަތު އަމަލީ ގޮތުން ހުޅުވާލުމަކީވެސް މި ސާރވޭގެ މަޤްސަދެކެވެ. މި ސާރވޭ މެދުވެރިކޮށް ހުޅުމާލޭގެ އާބާދީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދެނެގަތުމަށްޓަކައި ބޯހިމެނުންވެސް ކުރިއަށް ގެންގޮސް، ހުޅުމާލޭ މުނިސިޕަލް ދަފްތަރެއް އެކުލަވާލުމަށްވެސް ހަމަޖެހިފައިވެއެވެ.

ހާލު ސާރވޭގައި ހުޅުމާލޭގެ ކޮންމެ ގެއަކަށްވެސް ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ސާރވޭ ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ހަފްތާތެރޭގައި 150 އެނިއުމެރޭޓަސް އަށް ތަމްރީން ދެވިފައެވެ. އަދި ސާރވޭ ކުރިއަށްދާ ވަގުތުތަކުގައި މި ޓީމްތައް ތިބޭނީ ހާއްސަ ޓީޝާޓެއްގައި ވަކި ފާހެއް އަޅައިގެން ޓީމްތައް އާއްމު ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށެވެ.

އެޗްޑީސީއިން ދެކޭ ގޮތުގައި ސަރުކާރުގެ ސިޔާސަތާއި ވިސްނުމާއި އެއްގޮތަށް ހުޅުމާލެ ތަރައްޤީ ކުރުމުގެ ޕްލޭންތަކުގައި ރައްޔިތުންގެ ދައުރު ފުޅާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން، ހުޅުމާލޭގެ ތަރައްޤީގެ ސިޔާސަތު ކަނޑައެޅުމުގައި މި ސާރވޭގައި އެއްކުރެވިގެންދާ މަޢުލޫމާތު އާއި ހިޔާލުތަކަށް އަލި އަޅުވާލާ ބެލުމަށްވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންވެސް މި ސާރވޭގައި ބައިވެރިވުމަކީ އެޗްޑީސީއިން ވަރަށްބޮޑަށް އިލްތިމާސް ކުރާ ކަމެކެވެ. އަދި މި ސާރވޭއާ ބެހޭގޮތުން ޚިޔާލެއް ނުވަތަ ސުވާލެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ހޮޓްލައިން ނަންބަރުގެ ގޮތުގައި 7423535 އަދި 9762646 ވަނީ ޤާއިމްކޮށްފައެވެ.