ސިވިލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ހިންނަވަރު ކައުންސިލުގެ ފަރާތުން ވަނީ އެ ކައުންސިލަށް ދިމާވެފައިހުރި ގޮންޖެހުންތައް ފާހަގަކުރައްވާ އެ ކަންކަމާބެހޭ ގޮތުން ކޮމިޝަނާ މަޝްވަރާކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަނީ އެ ކަންކަން ހައްލުކުރުމުގައި ކޮމިޝަނަށް ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޝަނުން ކޮންމެ ދެ އަހަރުން އެއްއަހަރު ދެމުން އަންނަ ސިވިލް ސަރވިސް އީޖާދީ އިނާމާބެހޭ މަޢުލޫމާތު ވެސް ކޮމިޝަނުގެ ފަރާތުން ކައުންސިލާ ހިއްސާކުރެއްވިއެވެ. އަދި ކައުންސިލުތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރެވޭނެ ގޮތްތައް ކައުންސިލުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ ހިންގުން ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް “ރިފޯމު މެނުއަލް” އަދި “ކްލައިންޓް ޗާޓަރ” ތަންފީޒުކޮށްދެއްވުމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް ކޮމިޝަނުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ކައުންސިލުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހިންނަވަރު ކައުންސިލުގެ ފަރާތުން އެ ކައުންސިލުގެ ރައީސާއިި ނައިބްރައީސްއާއެކު ޖުމްލަ 4 ބޭފުޅަކު މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.