ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި “އަ ޕްރޮމިސް ޓު ޗިލްޑްރަން: ދެއަރ ރައިޓްސް އެންޑް ވެލްބީންގ އިން ދަ އެސް.ޑީ.ޖީސް” ގެ ނަމުގައި އ.ދ.ގެ 72 ވަނަ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ހައި-ލެވަލް އިވެންޓުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.

މި އިވެންޓުގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ކުޑަކުދިންގެ ޙައްޤުތައް ހޯދައިދިނުމަށް ދިވެހިރާއްޖޭން ކުރާ މަސައްކަތުގައި އެއްވެސް ކުއްޖެއް މަޙްރޫމު ނުކުރާނެކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށާއި، ކުޑަކުދިންނަށް ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް ސަރުކާރުން ސިޔާސަތުތަކެއް އެކުލަވައިލައި، ރާއްޖޭގައި ޔުނިވަރސަލް ހެލްތު އިންޝުއަރަންސް ސްކީމެއް ތަޢާރަފުކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ކުޑަކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި އެކުދިންނަށް އަމާން މާޙައުލެއް ހޯދައިދިނުމުގައި އެންމެންގެ ޒިންމާވެސް ހިމެނޭކަން ބަޔާންކޮށްދެއްވަމުން، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން، ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

މި އިވެންޓު އިންތިޒާމުކޮށްފައި ވަނީ “ވޯލްޑް ވިޜަން”، “ޗައިލްޑް ފަންޑް”، “ސޭވް ދަ ޗިލްޑރަން”، “އެސް.އޯ.އެސް ޗިލްޑރަންސް ވިލެޖަސް” އަދި “ޕްލޭން އިންޓަނޭޝަނަލް” ގުޅިގެންނެވެ.