“މޯލްޑިވްސް ނެޝަނަލް ވަރކްޝޮޕް އޮން ކްލައިމެޓް ރިސްކް ސްކްރީނިންގ ފޯ މެއިންސްޓްރީމިންގ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އިން ޓު ޑިވެލޮޕްމަންޓް އެކްޓިވިޓީސް އެންޑް ޕޮލިސީސް” މިއަދު ބާއްވައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ، ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުﷲހި މަޖީދެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި އަދި އޭގެ ސަބަބުން ދިމާވާ ނުރައްކާތައް ކުޑަ ކުރުމުގެގޮތުން ތަފާތު މަސައްކަތްތަކެއް ކުރެވެމުން ދާއިރު އެކި އެކި ތަރައްޤީގެ މަޝްރޫއުތައް އެކުލަވާލުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގައި އެޅިދާނެ ފިޔަވަޅުތަކާއި ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި މިމިނިސްޓްރީ ގުޅިގެން 24-25 އޮކްޓޫބަރު 2016 ގައި ވަނީ ވޯރކްޝޮޕެއް ބޭއްވިފައެވެ. އަދި މި ވޯރކްޝޮޕްގެ ބައިވެރިންގެ ފަރާތުން ލިބުނު ލަފަޔާއި އިރުޝާދުގެ ދަށުން، ކްލައިމެޓް ރިސްކް ސްކްރީނިންގް ޕްލެޓްފޯމެއްވަނީ ތައްޔާރުކުރެވިފައެވެ.

މި މަސައްކަތު ބައްދަލުވުމަކީ މި ޕްލެޓްފޯމާއި ބެހޭ މައުލޫމާތު ދިނުމާއި، އަދި އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީއާއި އޭޑީބީ ގުޅިގެން ބޭއްވި އެންމެ ފަހު ބައްދަލުވުމެވެ. މި މސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ސިޔާސަތުތައް އެކުލަވާލުމާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ފަރުމާކުރުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލައި މަޝްރޫޢުތައް ފަރުމާ ކުރުމާއިބެހޭ ނިޒާމެއް އެކުލަވާލުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދު ބޭއްވުނު މި ބައްދަލުމުގައި ފަރުމާކުރެވުނު މި ނިޒާމު ފަރުމާކުރެވިފައިވަނީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެންނެވެ. އަދި މި ނިޒާމު ފަރުމާކުރެވިފައިވަނީ ސަރުކާރާއި އެހެނިހެން ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށްފަހުއެވެ. މި ނިޒާމަކީ ކުރިއަށް އޮތް ތަނުގައި މޫސުމާބެހޭ މަޝްރޫޢުތައް ފަރުމާކުރުމުގައި ބޭނުންކުރެވިގެންދާނެ ނިޒާމެކެވެ.