ސައުތު އޭޝިއަން ސީސަނަލް ކުލައިމެޓް އައުޓްލުކް ފޯރަމް (SASCOF) މިއަދު އިފްތިތާޙްކޮށްފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޯރަމް މިއަދު އިފްތިތާޙް ކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އޮފް އެންވަޔަރުމެންޓް އެންޑް އެނާޖީ އަލްފާޟިލް އަބްދުﷲހި މަޖީދެވެ. މި ފޯރަމަކީ ކުރިއަށް އޮތް ދެ ތިން މަހަށް ދެކުނު އޭޝިޔާގެ ޤައުމުތަކަށް މޫސުން ލަފާކުރެވޭ ގޮތްބެލުމާއި އެކަމާބެހޭ މަޝްވަރާކުރުމަށް މި ސަރަޙައްދުގެ ޤައުމުތަކުންނާއި ކުރިއަރާފައިވާ ޤައުތަކުގެ ފަންނީ އެހީތެރިކަމާއެކު ބޭއްވޭ ބައްދަލުވުމެކެވެ. 2010 ވަނަ އަހަރުން ފެށިގެން ދެކުނު އޭޝިޔާގެ ކޮންމެވެސް އެއްޤައުމެއްގައި މިފޯރަމް ބޭއްވުމަށް ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްޢިއްޔާގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އެހެންކަމަށް ވުމާއެކު، މިއީ އެފަދަ 11 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުން ރާއްޖޭގައި މިއަހަރު ބޭއްވެނީ ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ (WMO) އާއި ރީޖަނަލް އިންޓަގްރޭޓެޑް މަލްޓިހަޒާރޑް އާލީވޯނިންގެ ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ (RIMES) އަދި ކެނަޑާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބައިވެރިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ މެޓްއޮފީސްތަކާއި ދައުވަތުދެވިގެން ބައިވެރިވާ މޫސުމާއިބެހޭ ދާއިރާގެ ފަންނީ މާހިރުންނެވެ. މީގެތެރޭގައި ދުނިޔޭގެއާއި ސަރަހައްދީ ފެންވަރުގެ ކުލައިމެޓް ސެންޓަރުތަށް ތަމްސީލުކުރައްވާ މާހިރުންވެސް ހިމެނެއެވެ.

ސެޕްޓެމްބަރު 25 ން 27 ބޭއްވޭ މި ބައްދަލުވުމުގެ ހުރިހާ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވިގެން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ހުރިހާޤައުމަކަށް ކުރިއަށް އޮތް 5 ވަރަކަށް މަސްދުވަހަށް މޫސުން އޮންނާނެކަމަށް ލަފާކުރެވޭގޮތުގެ ސްޓޭޓްމެންޓެއް ތައްޔާރުކުރެވޭނެއެވެ. އަދި ދިގުމުއްދަތަށް މިތައްޔާރުކުރެވޭ ފޯކާސްޓްތައް ބޭނުންކޮށްގެން ކަމާގުޅޭ ދާއިރާތަކުގެ މަސައްކަތްތައް ދުރާލާ ރާވާ ބައްޓަންކުރާނެ ގޮތްތަކުގެ މައްޗަށް ވެސް އަލި އަޅުވާލެވޭނެއެވެ.

މި ފޯރަމުގެ ބައެއް ސެޝަންތައް މާދަމާވެސް ކުރިއަށްދާއިރު މި ފޯރަމުގައި ތައްޔާރުކުރާ އޮފިޝަލް ކޮންސެންސަސް ފޯކާސްޓް ސްޓޭޓްމެންޓް ނެރުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2017 ގައެވެ.