ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ފިލްމް ފޮ ޗޭންޖްގެ ޕްރިމިއަރ އިއްޔެ ޝްވެކް ސިނަމާގައި އޮތް ރަސްމިއްޔާތެއްގައި ބާއްވައިފިއެވެ.

ފިލްމް ފޮ ޗޭންޖް އަކީ މިދިޔަ މަހު ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ކުރު ފިލްމު ހެދުމުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ކްރިއޭޓިވް އާރޓްސް ގެ ދާއިރާއަށް ޝައުގުވެރި ކުރުމުގެ އިތުރުން ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި އެކަންކަމަށް އެކުދިން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން އަމިއްލަ އަށް ފިލްމުފަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން ހޯދައިދިނުމެވެ. މި ފިލްމުތަކަކީ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެކެވެ. އެގޮތުން ފިލްމުތަށް ބެހިގެންދިޔައީ ޔޫއެންޑީޕީ އިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ގެ 3 ބަޔަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި، އެސްޑީޖީ 5 ޖެންޑާ އީކުއަލިޓީ ނުވަތަ ދެ ޖިންސުގެ ހަމަހަމަކަން، އެސްޑީޖީ 10 ރިޑިއުސް  އިންކުއަލިޓީ ނުވަތަ އެންމެންނަށް ހަމަހަމަ ފުރުސަތާއި އަދުލު ލިބުން އަދި  އެސްޑީޖީ 12 ރެސްޕޮންސިބަލް ކޮންސަޕްޝަން އެންޑް ޕްރޮޑަކްޝަން ނުވަތަ ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުމެވެ. އެގޮތުން ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑަށް އެޅޭ ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ.

ޕިލްމް ފޮ ޗޭންޖަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހު 16 އިން 23 ވަނަ ދުވަހާ ހަމައަށް ވަނީ ތަމްރީނު ޕްރޮގުރާމެއްވެސް ބާއްވާފައިއެވެ. މި ތަމްރީނުގައި ވާހަކަލިޔުމާއި، ޑައިރެކްޓްކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިން އެކި ފަންނީ މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. ބައިވެރިންނަށް ތަމުރީނު ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މި ދާއިރާގައި ތަޖުރިބާކާރު އަދި ފުންނާބު އުސް ބޭފުޅުންނެވެ. އޭގެ ތެރޭގައި މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އަހުމަދު ހިޝާމް ސައީދް (އަންދު) އަދި މެންޓާރސްގެ ގޮތުގައި އިޓާނަލް ޕިކްޗާސް، މަދޮޝިޕް، އަދި ސްޓްރީކް ސްޓޫޑިއޯ އިން ވަނީ ބައިވެރިވެފައިއެވެ.

މިޕްރޮޖެކްޓްގެ ދަށުންޒުވާނުން އެ މީހުންގެ އަމިއްލަ ނަޒަރުން މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަށް -އެމީހުން އަމިއްލައަށް ދައްކާއިދިނިމުގެ މަގު ފަހިވެގެން ދިޔައެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާންކުދިންގެ ހުނަރާއި އެކުދިން މުގުތުމައުއާ ދޭތެރޭ ވިސްނުމާއި ހިޔާލު ހުރިގޮތް ވެސް ފެނިފައިވިއެވެ

ދިރާގާއި ޔޫއެންޑީޕީ އިން މި ކުރު ފިލްމުތައް ސޯޝަލް މީޑިއާގައި ދައްކާލުމަށްވަނީ ނިންމާފައިއެވެ.

D 2