27 ސެޕްޓެންބަރު 2017 ވީ ބުދަ ދުވަހު މޫޑީސް އިންވެސްޓަރސް ސާރވިސްއިން 2017 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ކްރެޑިޓް އެނަލިސިސް ޝާޢިއު ކޮށްފިއެވެ. މިއީ 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އެއް ޝާޢިއު ކުރުމަށް ފަހު މޫޑީސް އިން ހެދި ފުރަތަމަ ކްރެޑިޓް ރޭޓިންގ އަޕްޑޭޓް އެވެ. މި އަޕްޑޭޓްގައި މޫޑީސްއިން ރާއްޖެއަށް ދީފައިވަނީ ކުރީ އަހަރެކޭ އެއްފަދައިން B2 “ސްޓޭބަލް” ރޭޓިންގ އެކެވެ. މޫޑީސްގެ އިތުރުން ދުނިޔޭގެ ބޮޑު ކްރެޑިޓް ރޭޓިންގެ އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ “ފިޗް ރޭޓިންގ” އިން ވަނީ މި އަހަރުގެ މެއި މަހު ރާއްޖެއަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިންގއެއް ހަދައި B+ ގެ ރޭޓިންގް އެއްދިީފައެވެ.

 ޤައުމެއްގެ ކްރެޑިޓް ރޭޓިންގ އަކީ އެޤައުމެއްގެ މާލީ ސިޔާސަތާއި، އިޤްތިސާދީ ތަސައްވުރާއި، ސިޔާސީ މަޝްރަހަށް ރިއާޔަތްކޮށް އެޤައުމެއްގެ ކްރެޑިޓް ރިސްކް ބަޔާން ކުރުމަށް ހެދޭ ރޭޓިންގއެކެވެ. މިގޮތުން ކްރެޑިޓް ރޭޓިންގއެއް ދިނުމަށްފަހު ކްރެޑިޓް ރޭޓިންގެ އޭޖެންސީތަކުން ދާނީ، އެޤައުމެއްގެ އިޤްތިސާދަށާއި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތައް ބަލައި ދިރާސާކުރަމުންނެވެ. މިގޮތުން އަހަރަކު އެއްފަހަރު އެޤައުމަކަށް ޒިޔާރަތްކޮށް ސަރުކާރާއި އަމިއްލަ ވިޔަފާރީތަކާއި ބައްދަލުކޮށް ކްރެޑިޓް އެނަލިސިސް އެއް ހަދައެވެ. ނަމަވެސް އަހަރުގެ ތެރޭގައި ވެސް ކްރެޑިޓް ރިސްކަށް އަސަރުކުރާފަދަ ކަމެއް ހިނގައިފިކަމަށް ރޭޓިން އޭޖެންސީއަށް ފެނިއްޖެ ނަމަ ރޭޓިންގެ އައުޓްލުކް ނުވަތަ ރޭޓިން ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ.

 މޫޑީސްެގެ ކްރެޑިޓް އެނަލިސިސްގައި ފާހަގަކޮށްފައިވާ ފަދައިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ކަމަށް ލަފާ ކުރެވޭ ކުރިއެރުމާއެކު ރާއްޖޭގެ އިޤްތިސާދީ ދުވެލީގެ ތަސައްވަރު ރަނގަޅުކަމަށް ފެނެއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކޮށް ދަރަނިއަދާ ކުރުމުގެ ޤާބިލުކަން ދައުލަތުގެ މަލީ ނިޒާމުގައި ހުރިކަމަށް ވެސް ފާހަގަ ކުރެވެ. ނަމަވެސް ދައުލަތުގެ ދަރަނި އިތުރުވުމާއި،  އެއް ސިނާއަތަކަށް ރާއްޖޭގެ އިޤްތިސާދު ބިނާވެފައިވުމާއި، އަދި ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދިއުމަކީ ރާއްޖޭގެ ކްރެޑިޓް ރިސްކެއްގެ ގޮތުގައި މޫޑީސްއިން ފާހަގަ ކޮށްފައިވެއެވ

  މި މިނިސްޓްރީން ޤަބޫލުކުރާ ގޮތުގައި ކްރެޑިޓް ރޭޓިންގ އަކީ އޭގެ ފައިދާ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ލިިބިގެންދާ “ޕަބްލިކް ގުޑް” އެކެވެ. މީގެ ސަބަބަކީ ރާއްޖޭގައި ހިންގާ ހުރިހާ ވިޔާފާރީއެއްގެ ކްރެޑިޓް ރިސްކް ވެސް މިންކުރެވިގެން ދާނީ ޤައުމުގެ ކްރެޑިޓް ރޭޓިންގ އަށް ބިނާވެގެން ކަމަށް ވާތީއެވެ. ވީމާ ކްރެޑިޓް ރޭޓިންގ ދަމަހައްޓައި ރަނގަޅު ކުރުމަކީވެސް ހުރިހާ ފަރާތެއްގެ ޒިންމާއެެއްކަމުގައި ވެއެވެ. މިގޮތުން ވަކިން ހާއްސަކޮށް ރާއްޖޭގެ ސިޔާސީ ހަމަޖެހުމަކީ މޫޑީސް އިންވެސް ފާހަގަ ކޮށްފައިވާ ފަދައިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް އެންމެ މުހިންމު އެއް ކަމެވެ. އަދި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމެއްގައި ސިޔާސީ ގޮތުން އަންނަ ހަލަބޮލިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާއި ރާއްޖޭގެ އިޤްތިސާދަށާއި ދައުލަތުގެ ބަޖެޓަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ.

ރާއްޖޭގެ ސޮވަރިން ރޭޓިންގ ރަނގަޅު ކޮށް މީގެ ފައިދާ ރާއްޖޭގެ އިޤްތިސާދަށް ލިބިގެން ދިއުމަށްޓަކައި ދައުލަތުން އަޅަންޖޭހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. މީގެ އިތުރުން ރާއްޖޭގެ އަމިއްލަ ފިޔަފާރިތަކަކީ އިޤްތިޞާދުގައި، އަދި ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ. ވީމާ އަމިއްލަ ވިޔަފާރިވެރިންނާއި ވަކިވަކި ފަރުދުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަން ކުރުމަކީ  މިމިނިސްޓްރީން އިލްތިމާސްކުރާކަމެކެވެ.