އެމްޓީސީސީގެ ކޮންނަ ބޯޓު މަހާ ޖައްރާފު ރާއްޖެ އައުމަށް ދަތުރު ފަށައިފިއެވެ. ސިންގަޕޯރ މަގުން ރާއްޖެއަށް މަހާ ޖައްރާފު އާދެވޭނެކަމަށް ލަފާ ކުރެވެނީ 30 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުއެވެ.

ދިގު މިނުގައި 92.95 މީޓަރު ހުންނަ އަދި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭ މަހާ ޖައްރާފަކީ ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ރޯޔަލް އައި.އެޗް.ސީގެ އީޒީޑްރެޖް ސީރީޒްގެ އެންމެ ބޮޑު ކޮންނަބޯޓެވެ.

މަހާ ޖައްރާފް ޑިޒައިން ކުރެވިފައިވަނީ ދުވެލި ބާރު އަދި ތެލުގެ ޙަރަދުކުޑަވާނެ ފަދަ ޓެކްނޮލޮޖީއާއި އެކުއެވެ. 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލްކަންހުރި މި އުޅަނދު ވެގެންދާނީ މުޅި އޭޝިއާ ސަރަޙައްދަށް ވެސް ގެނެވޭ މިފަދަ އެންމެ ބިޔަ ކޮންނަ ބޯޓަށެވެ.

މަހާ ޖައްރާފު ގެނެވުމާއިއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކުގައިވެސް މި އުޅަނދު ބޭނުން ކުރެވިގެންދާނެއެވެ. މަހާ ޖައްރާފު ވެގެންދާނީ ރާއްޖޭގެ ބިން ހިއްކުމުގެ ސިނާޢަތަށް އިންޤިލާބެއް ގެނުވާނެ އުޅަނދަކަށެވެ.