ސީ.އެމް.ޑީ.އޭ އިންސްޓިޓިއުޓްގެ ފަރާތުން “ވާރލްޑް އިންވެސްޓަރ ވީކް 2017” ފާހަގަކުރުމުގެ ގޮތުން 2 އޮކްޓޯބަރ 2017 އިން ފެށިގެން 8 އޮކްޓޯބަރ 2017 އަށް ވަނީ ކެޕިޓަލް މާރކެޓަށް އަހުލުވެރިކުރުމުގެ ޙަރަކާތްތަކެއް ހިންގާފައެވެ.

މިގޮތުން، ފޭސްބްކް މެދުވެރިކޮށް، ޢާންމުކޮށް ހުޅުވާލައިގެން ކުއިޒް މުބާރާތެއް ހިންގުމާއި، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓް އަދި އިސްލާމިކް ފައިނޭންސް އާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ކެޕިޓަލް މާރކެޓްގައި ބޭނުންކުރާ މާލީ ސެކިއުރިޓީޒް އަށް ޢާންމުން އަހުލުވެރިކުރުވުމަށް ހިއްސާ އަދި ބޮންޑުގައި އިންވެސްޓްކުރުމާއި ސެކަންޑަރީ މާރކެޓްގައި މާލީ ސެކިއުރިޓީޒް ގަނެވިއްކުމާއިބެހޭ ވާރކްޝޮޕެއް ހިންގުމުގެ އިތުރުން، ކ. މާފުށީގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ހިންގާފައެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންގެ ތެރެއިން އެކައުންޓިންގ، ބިޒްނަސް ސްޓަޑީސް އަދި އިކޮނޮމިކްސްގެ ދާއިރާއިން ޓީޗިންހަދާ ދަރިވަރުންގެ ތެރެއިން، ޑިގްރީ ކޯހުގެ ފަހު އަހަރުގެ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާރކެޓާއި، މާރކެޓްގައި ބޭނުންކުރާ މާލީ ސެކިއުރިޓީޒްގެ މަޢުލޫމާތުގެ އިތުރުން އިސްލާމިކް ފައިނޭންސް އާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވުނެވެ. އިސްލާމިކް ފައިނޭންސް އާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވީ، އެދާއިރާއިން ވަރަށްބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަދި ކެޕިޓަލް މާރކެޓް ޑިވޮލަޕްމަންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ޗެއަރ ޕާސަން ޑރ ޢާއިޝަތު މުނީޒާ އެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް އާއި ބެހޭގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނަށް މަޢުލޫމާތުދިނުމުގެ ޕްރޮގްރާމެއް ހިންގުނެވެ. މިޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހެޑް އޮފް އިންސްޓިޓިއުޓްސް އާމިނަތު މުޙައްމަދު ދީދީ އާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ ނޮލެޖް ހަބް މެނޭޖަރ ޢަލީ މުނަންވަރެވެ.

ވާރލްޑް އިންވެސްޓަރ ވީކް ފާހަގަކުރުމަށް ހިންގުނު ތަމްރީނު ޕްރޮގްރާމްތަކުގައި ސީދާގޮތުން ވަނީ 70 އަށްވުރެ ގިނަ ފަރާތާއި މަޢުލޫމާތު ހިއްސާކުރެވި، ކެޕިޓަލް މާރކެޓަށާއި އިސްލާމިކް ފައިނޭންސަށް އަހުލުވެރިކުރެވިފައެވެ. މިޙަރަކާތްތަށް ހިންގުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް، ވިމެން އޮން ބޯޑް އަދި ދިވެހިރާއެްޖޭގައި ހުންނަ އެމެރިކަން ސެންޓަރގެ އެހީތެރިކަން ލިބުނެވެ.