ޖަޕާން ސަރުކާރުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ހިލޭ އެހީގެ ގޮތުގައި ހަދިޔާ ކުރައްވާއިފިއެވެ.

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ދިވެހިރާއްޖޭގެ ސިއްޙީދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރެއްވި މެޑިކަލް އިކުއިޕްމަންޓްސްގެ އަގަކީ 14,246,344 (ސާދަ މިލިއަން ދުއިސައްތަ ސާޅީސް ހަހާސް ތިންސަތޭކަ ސާޅީސް ހަތަރު) ރުފިޔާއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެހީ އާއި ހަވާލުވެލެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބާރާހިމްއެވެ. އަދި ޖަޕާނުގެ ފަރާތުން މި އެހީ ހަވާލު ކޮށްދެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަބުދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ، މި އެހީގެ ދަށުން ލިބިފައިވާ މެޑިކަލް އިކުއިޕްމަންޓްސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު ތެރޭގައި ގާއިމް ކުރެވިފައިވާ ހޮސްޕިޓަލްތަކާއި ބައެއް ޞިއްޙީ މަރުކަޒުތަކަށް ކަމަށެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކުރެއްވި ތަކެތީގެ ތެރޭގައި އޮޓޯކްލޭވްއާއި އިންފަންޓް އިންކިއުބޭޓަރއާއި ޑެންޓަލް ޔުނިޓްއާއި ވެންޓިލޭޓަރސް ފަދަ ރާއްޖޭގެ ޞިއްޙީ ޙިދުމަތްދޭ މަރުކަޒުތަކަށް މުހިއްމު ތަކެތި ހިމެނެއެވެ.

2013 ވަނަ އަހަރުގައި 59.7 މިލިއަން ޖަޕަނީސް ޔެން (7,744,625.48ދިވެހި ރުފިޔާ)ގެ އަގުހުރި މެޑިކަލް އިކުއިޕްމަންޓް މިޕްރޮޖެކްޓްގެ ދަށުން ޖަޕާން ސަރުކާރުން ދިވެހިރާއްޖޭގެ ސިއްޙީދާއިރާއަށް ވަނީ ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން، ހަމަ މިޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ ސިއްޙީދާއިރާ ތަރައްޤީ ކުރުމަށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި 9,340,352.89 (ނުވައެއް ޕޮއިންޓް ތިން މިލިއަން ދިވެހި ރުފިޔާ)ގެ އަގުހުރި މެޑިކަލް އިކުއިޕްމަންޓް ވަނީ ހަދިޔާ ކުރެވިފައެވެ.