ޞިއްޙީ ދިރާސާގެ ޤައުމީ ސިޔާސަތާއި ‘މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން’ ގެ ހަތަރުވަނަ އަދަދު އިފްތިތާޙް ކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޞިއްހީ ދިރާސާގެ ޤައުމީ ސިޔާސަތު އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރި އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އަދި ‘މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން’ ގެ ހަތަރުވަނަ އަދަދު އިފްތިތާޙް ކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތޫރް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ވެރިންނާއި، ޑަބްލިޔު،އެޗް.އޯގެ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބާއި، ނެޝަނަލް ހެލްތު ރިސާރޗް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޞިއްޙީ ދިރާސާގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ޞިއްޙީ ދިރާސާކުރުމުގެ މާހައުލެއް ބިނާކުރުމާއި، ޞިއްޙީ ދިރާސާ ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި ޞިއްޙީ ދިރާސާގެ ދާއިރާ ތަރައްގީ ކުރުމެވެ.

މި ބުލެޓިން ޝާއިޢުކުރުމުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއާއި ގުޅުންހުރި ދިރާސާތަކުގެ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ބޭނުންވާ ފަރާތްތަކަށް ލިބޭނެގޮތް ހެދުމެވެ. މީގެއިތުރުން މިއަހަރުގެ ބުލެޓިންގައި ދިވެހިރާއްޖޭގައި ޞިއްޙީ ދިރާސާކުރުމަށް އިސްކަންދެވޭ ދާއިރާތައް ހިމެނިފައިވާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ދާއިރާގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ ސަބަބުން ޞިއްޙީ ދިރާސާތަކުގެ ނަތީޖާ ނެރެވޭފަދަ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ނިޒާމެއް ޤާއިމްކުރެވުމުގެ ސަބަބުން ޞިއްހީ ދާއިރާގެ ދިރާސާތަކުން ނެރެވޭ ނަތީޖާއިން ރާއްޖޭގެ ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރެވިގެންދާނެކަން މިނިސްޓަރވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްގައި ޞިއްޙީ ދިރާސާކުރާ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް މިފަދަ ދިރާސާ ކުރާ ފަރާތަތްތަކަށް ހިއްވަރުދިނުމުގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން ‘ހެލްތު ރިސާރޗް އެވާރޑް” ގެ ނަމުގައި އެވާރޑްއެއް ދިނުމަށް ނިންމާފައިވާކަން މިނިސްޓަރ ނާޘިމްވަނީ އިއުލާންކުރައްވާފައެވެ.

މީގެ އިތުރުން ހެލްތު ރިސާޗް ބުލެޓިން 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ޝާއިއު ކުރެވެމުން ދިއުމުގެ ސަބަބުން ޞިއްޙީ ދާއިރާއާއި ގުޅޭ ދިރާސާތަކުގެ މަޢުލޫމާތު ފަސޭހަކަމާއިއެކު ދިރާސާ ކުރުމުގެ ޝައުޤުވެރިކަން ހުންނަ ފަރާތަކަށް ލިބިގެންދާނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.