ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި މި ރަސްމިއްޔާތުގައި މި ސިޔާސަތު އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ސިޔާސަތެއް މުހިއްމުވާ ސަބަބަކީ ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުންކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގައި އަހަރަކު ހަތަރު ލައްކައަށްވުރެ ގިނަ މީހުން މިފަދަ ބަލިތަކުގައި މަރުވަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ކަންތައްތައް ހަރުދަނާކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކޮށް ކާބޯތަކެތީގެ ބިލެއް އެކުލަވާލާފައިވާ ކަމަށާއި އަވަސް މުސްތަޤުބަލެއްގައި މި ބިލު ޤާނޫނަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ބިނާކޮށްފައިވަނީ ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާނޭހެން ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ސަރުކާރުގެ އިދާރާތަކާއި، ކާބޯތަކެތީގެ ސިނާޢަތުގައި މަސައްކަތް ކުރާފަރާތްތަކާއި، ބޭނުންކުރާ ފަރާތްތަކުގެ ޒިންމާއެކުލެވޭ ގޮތަށް، ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތްތަކުގެ މައްޗަށްބިނާކޮށް ބައިނަލް އަގުވާމީ ޕްރޮޓޮކޯލްސްތައް ތަންފީޒުވާ ގޮތަށެވެ.

މި ސިޔާސަތުން ޙާސިލްކުރަން ބޭނުންވާ މައިގަނޑު 4 ލަނޑުދަނޑިއެއްވެއެވެ. މިލަނޑުދަނޑި ތަކަކީ ރާއްޖޭގައި ފޯރުކޮށްދެވޭ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާ ހުރި ފެންވަރު ރަނގަޅު ކާބޯތަކެތި ކަމުގައި ހެދުމާއި، ކާބޯތަކެތި ރައްކާތެރި ކުރުމުގެ އޮނިގަނޑު ހަރުދަނާ ކުރުމާއި އެފަދަ ކަންކަން ކަމާއިގުޅޭ އިދާރާތައް ގުޅިގެން ތަންފީޒުކޮށް ބެލެހެއްޓުމާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރި ކުރުވުމާއި، ކަމާއިގުޅޭ މުއައްސަސާ ތަކުގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ތަޢުލީމާއި ތަމްރީނު އަދި މި ދާއިރާއާއި ގުޅޭ ދިރާސާތައް ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަޞީލަތް ބިނާކޮށް ތަރައްޤީ ކުރުމެވެ.