ޖަމާލުއްދީން ސްކޫލްގެ ދަރިވަރުން މައިދާނީ ދަތުރެއްގައި ސްޓެލްކޯއަށް ޒިޔާރަތް ކޮށްފިއެވެ. ގްރޭޑް 03 ގެ މިދަރިވަރުން ޒިޔާރަތްކޮށްފައިވަނީ އުނގެނުމުގެ ތެރެއިން ޙާޞިލްކުރަންޖެހޭ ބައެއް މަޢުލޫމާތު ހޯދުމަށްޓަކައެވެ.
މިދަތުރު އިތުރަށް ޚާއްސަ ކޮށްލެވިފައިވަނީ މިމަހު 22 ވަނަދުވަހަކީ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަށް ވުމުންނެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގޭ އެއްކަމެއްގެ ގޮތުން މިދަރިވަރުން ސްޓެލްކޯއަށް ކުރި ޒިޔާރަތް ޚާއްޞަ ކޮށްލެވުނެވެ. މިހަރާކަތުގެ ތެރޭގައި ހިމެނޭ މަޢުލޫމާތުގެ ސެޝަން ހިނގަމުންދިޔައިރު، ސްޓެލްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އަޙްމަދު ޒުހޫރު މި ސެޝަންތައް ކުރިއަށްދިޔަގޮތް ބައްލަވާލައްވާ ދަރިވަރުންނާ ބައްދަލުކުރެއްވިިއެވެ.
މި ދަތުރު 4 ދަންފަޅިއަކަށް ބެހިގެންދާ ގޮތަށް ކުރިއަށްގެންދެވުނު އިރު ކަރަންޓު އުފެއްދުމާއި ގުޅޭގޮތުން އެކުދިންނަށް ބޭނުންވާ ގިނަ މަޢުލޫމާތަކެއް ވަނީ ފޯރުކޮށްދީފައެވެ. އަދި ދަރިވަރުންވަނީ ކުންފުނީގެ މައި ޕަވަރ ޕްލާންޓަށް ޒިޔާރާތްކޮށްފައެވެ. ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރިވެފައިވަނީ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ
މި މައިދާނީ ދަތުރުގައި ބައިވެރިވެފައިވަނީ 256 ދަރިވަރުންނާއި 08 މުދައްރިސުންނެވެ.