މި މަހުގެ 17 އިން 21 އަށް ސްޕެއިންގެ މެޑްރިޑްގައި ބޭއްވި ފިތޫރް ފެއަރގައި ރާއްޖެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރުވާ މާރކެޓް ކުރުމަށް އެމް.އެމް.ޕީ.އާރ.ސީ އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގެ 22 ކުންފުންޏަކުން 38 ބޭފުޅުން ބައިވެރިވެއްޖެއެވެ.

 

މި ފެއަރގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން 71 އަކަ މީޓަރ ގެ ސްޓޭންޑެއްގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެއެވެ. މި ސްޑޭންޑް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ޤުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ. މި ސްޓޭންޑްގައި އެމް.އެމް.ޕީ.އާރ.ސީގެ ކައުންޓަރުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ޙާއްސަކުރެވިފައިވާ 22 ކައުންޓަރެއް ހިމެނިފައިވެއެވެ. މީގެ އިތުރުން ބައްދަލުވުން ތަކަށް ޙާއްސަ ކުރެވިފައިވާ 8 މޭޒު ސްޑޭންޑްގައި ވަނީ ހިމެނިފައެވެ.

 

ފިތޫރް ފެއަރ އަކީ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ސްޕެއިންގެ މެޑްރިޑްގައި ބޭއްވޭ އެންމެ ބޮޑު އެއް ފެއާ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ލިބިފައިވާ ތަރުޙީބާއެކު މިއީ  ފިތޫރް ފެއަރ ބޭއްވޭ 38ވަނަ އަހަރެވެ. މި ފެއަރ ގައި ސްޕެއިން މާރކެޓަށް ރާއްޖެ އިސްތިހާރު ކުރުމުގެ އިތުރުން މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ނަންވިދާލާ މުހިއްމު ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

 

މިފެއަރގައި ބައިވެރިވުމާއި ގުޅިގެން ސްޕެއިންގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުވެ މި މާކެޓް ރާއްޖެއަށް ފުޅާކުރުމަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދާނެއެވެ. 2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް މި މާރކެޓުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 9.2 އިންސައްތަ ވަނީ އިތުރުވެފައެވެ. 2017 ގެ ނޮވެންބަރު މަހުގެ ނިޔަލަށް ސްޕެއިން މާރކެޓުން22,947  ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.