ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކެޕިޓަލް މާރކެޓާގުޅޭ މަޢުލޫމާތު ފުޅާދާއިރާއެއްގައި ކިޔަވާކުދިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އާއި އައިލޭންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑް (އައިލޭންޑާސް އެޑިއުކޭޝަން) އާދެމެދު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގެ ދަށުން، އައިލޭންޑާސް އެޑިއުކޭޝަންގެ “ޓީޗިންގ ޓިއުބް” މެދުވެރިކޮށް، ވީޑިއޯ އާއި އޮގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެޕިޓަލް މާރކެޓާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން، “މެންޓަރިންގ ޔަންގް މައިންޑްސް”ގެ ނަމުގައި އައިލޭންޑާސް އެޑިއުކޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންވެސް މިމަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މިޕްރޮގްރާމްތަކަކީ މަދަރުސީ ދައުރު ފުރިހަމަކުރުމަށްފަހު، މަސައްކަތުގެ މައިދާނަށް ނުކުންނަ ކުދިންނަށް ވަޒީފާގެ ވައްޓަފާޅި ދަސްވުމުގެ އިތުރުން، ކުންފުނިތަކާއި މާލީ ދާއިރާއާގުޅުންހުރި މުއައްސަސާތަކުގެ މަސައްކަތާއި ވިޔަފާރީގެ ހަރަކާތްތަކަށް ޒުވާނުން އަހުލުވެރިވުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ތަޢުލީމީ ނިޒާމުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންހިފޭ މިންވަރު އިތުރުވަމުން އަންނަ މިދަނޑިވަޅުގައި، ވީޑިއޯ ފަދަ ވަޞީލަތްތައް ބޭނުންކޮށްގެން، ދަރިވަރުންނަށް އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދާއި މާލީ ދާއިރާއަށް ހޭލުންތެރި ޤާބިލު ޒުވާނުންތަކެއް އުފެއްދުމަށް މުހިއްމު ދައުރެއް އަދާކުރާނެކަމެކެވެ.