މި މަހުގެ 18 އިން 20 އަށް އިންޑިޔާގެ މުންމްބާއީގައި ބޭއްވި ވަންވޯރލް ޓްރެވެލް މާރޓް، އޯ.ޓީ.އެމް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

 

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިންޑިޔާމާރކެޓަށް އިސްތިހާރު ކުރުމުގެ ގޮތުން އެމް.އެމް.ޕީ.އާރ.ސީ އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގެ 15 ކުންފުންޏަކުން 23 ބޭފުޅުން ވަނީ މިފެއަރގައި  ބައިވެރިވެފައެވެ.

 

މި ފެއާ ގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން 60 އަކަ މީޓަރގެ ސްޓޭންޑެއްގައި ރާއްޖެ އިޝްތިހާރު ކޮށްފައި ވެއެވެ. މި ސްޑޭންޑް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ. މި ސްޓޭންޑްގައި އެމް.އެމް.ޕީ.އާރ.ސީގެ ކައުންޓަރުގެ އިތުރުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގެ ކުންފުނިތަކަށް ޙާއްސަކުރެވިފައިވާ  13 ކައުންޓަރެއް ހިމެނިފައިވެއެވެ. މީގެ އިތުރުން ބައްދަލުވުން ތަކަށް ޙާއްސަ ކުރެވިފައިވާ މޭޒުތަކެއްވެސް  ސްޑޭންޑްގައި ވަނީ ގާއިމުކޮށްފައެވެ..

 

އޯ.ޓީ.އެމް ފެއަރ އަކީ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން އިންޑިޔާގައި ބޭއްވޭ އެންމެ ބޮޑު ފެއަރއެވެ. އޯ.ޓީ.އެމް 2017 ގައި 60 ޤައުމަކުން 1300 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި އަހަރު މި އަދަދު އިތުރުވާނެކަމަށް އޯ.ޓީ.އެމްއިން ލަފާ ކުރެއެވެ.

 

އިންޑިޔާ މާރކެޓަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު ފަސް ވަނައިގައި އުޅޭ މާރކެޓެވެ.  2016 ވަނަ އަހަރާ އަޅާބަލާއިރު 2017 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް މި މާރކެޓުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނި 22.9 އިންސައްތަ އިތުރުވެފައެވެ. 2017 ގެ ނޮވެންބަރު މަހުގެ ނިޔަލަށް 70,372  ފަތުރުވެރިން އިންޑިޔާ މާރކެޓުން ޒިޔާރަތްކޮށްފައިވެއެވެ. މިފެއަރގައި ބައިވެރިވުމާއި ގުޅިގެން އިންޑިޔާ މާރކެޓްގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ވުމާއެކު ރާއްޖެއަށް އަންނަ އިންޑިޔާގެ ފަތުރުވެރިން އިތުރު ވެގެންދާނެއެވެ.